ކ. މާލެ
|
8 ޖޫން 2018 | ހުކުރު 11:15
ލުބްނާން ސީރިއާ ބޯޑަރު ކައިރީގައި އޮންނަ ލުބްނާނުގެ އަރްސަލްގައި ޤާއިމްކޮށްފައިވާ ސީރިއާގެ ރެފިއުޖީ ކޭމްޕްތައް
ލުބްނާން ސީރިއާ ބޯޑަރު ކައިރީގައި އޮންނަ ލުބްނާނުގެ އަރްސަލްގައި ޤާއިމްކޮށްފައިވާ ސީރިއާގެ ރެފިއުޖީ ކޭމްޕްތައް
ރޮއިޓަރސް
ސީރިއާގެ ރެފިއުޖީން
ލުބްނާނުން އދ. ގެ ރެފިއުޖީ އޭޖެންސީއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފި
އަޅާނެ ފިޔަވަޅުތަކެއް އަދި ހާމައެއް ނުކުރޭ
ލުބްނާނުން ދަނީ ސީރިއާގެ ރެފިއުޖީން އެނބުރި ޤައުމަށް ދިއުމަށް ބާރުއަޅަމުން
ލުބުނާނުގައި ސީރިއާގެ 1.5 މިލިއަން ރެފިއުޖީން ތިބިކަމަށް އެ ޤައުމުން ބުނޭ

އދ. ގެ ރެފިއުޖީ އޭޖެންސީ، ޔޫއެންއެޗްސީއާރްއާ މެދު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ލުބްނާނުގެ ފޮރިން މިނިސްޓަރ ޖިބްރާން ބާސީލް ވިދާޅުވެއްޖެއެވެ.

ޓްވިޓަރގައި އާންމުކުރެއްވި ބަޔާނެއްގައި މިނިސްޓަރ ބާސީލް ވިދާޅުވީ، ޔޫއެންއެޗްސީއާރް އިން ލުބުނާނުގައި ތިބި އަމިއްލަ ޤައުމަށް އެނބުރި ދާން ބޭނުންވާ ސީރިއާގެ ރެފިއުޖީން ބިރުގަންނަވަމުންދާ ކަމަށާއި، އެހެންކަމުން ހުކުރު ދުވަހުން ފެށިގެން އެ އޭޖެންސީއާ މެދު ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ. ޔޫއެންއެޗްސީއާރް އިން އެކި ފަހަރުމަތިން ވަނީ ރެފިއުޖީން އެނބުރި ދާވަރަށް ސީރިއާގެ ހާލަތު އަދި އަމާން ނުވާ ކަމަށް ބުނެފައެވެ.

ޔޫއެންއެޗްސީއާރްއާ މެދު ފިޔަވަޅު އަޅަން ނިންމަފައިވާކަން ލުބުނާނުން ހާމަކުރި ނަމަވެސް، އަޅާނީ ކޮން ފިޔަވަޅެއްކަން އެ ޤައުމުން ތަފްޞީލުކޮށްދީފައެއް ނުވެއެވެ.

ސީރީއާ ސަރުކާރުގެ ފައުޖުތަކުން ސީރިއާގެ އެކި ހިސާބުތައް އަލުން އަނބުރާ ސަރުކާރުގެ ބާރުގެ ދަށަށް ގެންދަމުން ދާއިރު، ލުބްނާނުގެ ރައީސާއި، އެ ޤައުމުގެ ސިޔާސީ ފަރާތްތަކުން ދަނީ، ސީރިއާގެ ހަނގުރާމަ ނިންމުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ވާސިލް ވެވެންވާއިރަށް، ލުބްނާނުގައި ތިބި ސީރިއާގެ ރެފިއުޖީން ސީރިއާގެ އަމާން ސަރަޙައްދުތަކަށް އެނބުރި ދިއުމަށް ގޮވާލަމުންނެވެ.

އދ. ގެ ރިކޯޑްތަކުން ދައްކާ ގޮތުގައި ރެޖިސްޓްރީ ކުރެވިގެން ލުބުނާނުގައި ސިރިއާގެ އެއް މިލިއަން ރެފިއުޖީން ދަނީ ދިރިއުޅެމުންނެވެ. އެއީ 2011 ވަނަ އަހަރުން ފެށިގެން ސީރިއާ ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ޤައުމުތަކަށް ދަތުރުކޮށްފައިވާ މީހުންގެ 25 އިންސައްތަ އާބާދީއެކެވެ. އދ. އިން ލުބުނާނުގައި ތިބީ ސީރިއާގެ އެއް މިލިއަން މީހުން ކަމަށް ބުނި ނަމަވެސް، ލުބުނާނުން ބުނާ ގޮތުގައި އެޤައުމުގައި ސީރިއާގެ 1.5 މިލިއަން މީހުން އެބަ ތިއްބެވެ. އަދި އެމީހުންގެ ސަބަބުން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބުރޫ އަރައި، އިޤުތިޞާދީ ގޮތުން ކުރި އަރަން ދަތިވެފައިވާ ކަމަށް ލުބްނާނުން ބުނެއެވެ.

ބާސީލްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، މިނިވަން ޤައުމެއްގެ ހައިސިއްޔަތުން ޔޫއެންއެޗްސީއާރްއާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް