ކ. މާލެ
|
8 ޖޫން 2018 | ހުކުރު 11:08
މިސްރުގެ ވަގުތީ ބޮޑުވަޒީރުކަމަށް އައްޔަނު ކުރެއްވި މުސްތަފާ މަދްބޫލީ
މިސްރުގެ ވަގުތީ ބޮޑުވަޒީރުކަމަށް އައްޔަނު ކުރެއްވި މުސްތަފާ މަދްބޫލީ
އަލްއަރަބިއްޔާ
މިސްރު
މިސްރުގެ ވަގުތީ ބޮޑުވަޒީރުކަމަށް ހައުސިން މިނިސްޓަރ މަދްބޫލީ
އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ވަނީ ހަވާލުކުރައްވާފައި
މިވަގުތު އޮތީ ކެއާޓޭކަރ ގަވަރމަންޓެއް
މިއީ ސީސީގެ ދެވަނަ ރިޔާސީ ދައުރު

ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތް މިސްރުގެ ރައީސް، ޢަބްދުލް ފައްތާއްޙު އަލް ސީސީ، މިސްރުގެ ވަގުތީ ބޮޑުވަޒީރުގެ މަޤާމަށް އެ ޤައުމުގެ ހައުސިންގ މިނިސްޓަރ މުސްތަފާ މަދްބޫލީ އައްޔަނުކުރައްވައިފިއެވެ.

މަދްބޫލީ މި މަޤާމަށް ހަމަޖައްސަވައި، ބުރާސްފަތި ދުވަހު ރައީސް ސީސީ ވަނީ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް މަދްބޫލީއާ ހަވާލުކުރައްވާފައެވެ.

މިސްރުގައި ވަގުތީ ބޮޑުވަޒީރަކު އައްޔަނު ކޮށްފައިވާއިރު، ރައީސް ސީސީ ދެވަނަ ދައުރަކަށް އިންތިޚާބުވުމާއި ގުޅިގެން އައު ސަރުކާރެއް އެކުލަވާލުމަށް އެމަނިކުފާނަށް ޖާގަ ދިނުމުގެ ގޮތުން ކުރީގެ ބޮޑުވަޒީރު ޝަރީފް އިސްމާއީލާއި އެމަނިކުފާނުގެ ކެބިނެޓު ވަނީ އިސްތިޢުފާ ދެއްވާފައެވެ. އިސްތިޢުފާ ދެއްވި ނަމަވެސް އައު ސަރުކާރު އެކުލަވާލެވި، އެ ސަރުކާރުގެ މަސައްކަތް ފެށެންދެން އިސްތިޢުފާ ދެއްވި ބޭފުޅުން 'ކެއާޓޭކަރ ގަވަރމަންޓް' އެއްގެ ގޮތުގައި މަޤާމުގައި ދެމިތިއްބަވާނެއެވެ.

ނިމިގެންދިޔަ މާރިޗު މަހު މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބު ސީސީ ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 97 އިންސައްތަ ތާއީދާ އެކުއެވެ.

މިސްރުގެ ވެރިކަމަށް ސީސީ ފުރަތަމަ ވަޑައިގަތީ 2014 ވަނަ އަހަރު މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، އެ އަހަރުގެ ޖުލައި މަހުއެވެ. އޭގެ ކުރިން، 2013 ވަނަ އަހަރު އަސްކަރިއްޔާ އިން ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ވާއްޓާލީއްސުރެ ވެސް މިސްރުގައި ހިނގަމުން ދިޔައީ ސީސީގެ ބާރެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ސީސީއާ ވާދަކޮށްފައި ވަނީ މޫސާ މުސްތަފާ މޫސާ އެކަންޏެވެ. މޫސާ މުސްތަފާ މޫސާއަކީ ސީސީގެ ގާތް އެކުވެރިއެކެވެ. އަދި އިންތިޚާބަށް ކެންޑިޑަސީ ފައިލް ކުރަންޖެހޭ މުއްދަތު ހަމަވާން ވަރަށް ކައިރިވިއިރު ވެސް އޭނާ ދިޔައީ ސީސީއަށް ކެމްޕެއިން ކޮށްދެމުންނެވެ. ގިނަ ފަރާތްތަކަކުން ޤަބޫލުކުރާ ގޮތުގައި މޫސަ މުސްތަފާ މޫސާ މި އިންތިޚާބުގައި ވާދަކުރީ ބޭރު ދުނިޔެއަށް އިންތިޚާބަކީ މިނިވަން އިންތިޚާބެއް ކަމަށް ދެއްކުމަށް ސީސީގެ ރޭވުމަކުންނެވެ.

މި އިންތިޚާބުގައި އިދިކޮޅު އެއްވެސް ޕާޓީއަކުން ވާދަކޮށްފައެއް ނުވެއެވެ. އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިދިކޮޅު އެއްވެސް ކެންޑިޑޭޓަކަށް ދީފައި ނުވާއިރު، އިންތިޚާބުގައި ވާދަކުރާނެކަން އިޢުލާނުކުރި ބައެއް ފަރާތްތަކުން ފަހުން ވަނީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އިންތިޚާބުގައި ވާދަ ނުކުރުމަށް ނިންމާފައެވެ.

މާރޗް 16 އިން 28 އަށް ބޭއްވި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 59,078,138 މީހުންނަށް ލިބިފައިވީއިރު، ވޯޓުލާން ނުކުމެފައި ވަނީ 24,254,152 މީހުންނެވެ. އިންތިޚާބުގައި ސީސީއަށް 21,835,387 ވޯޓު ލިބުނު އިރު މޫސާ މުސްތަފާ މޫސާއަށް ލިބިފައިވަނީ 656,534 ވޯޓެވެ. މި އިންތިޚާބުގައި 1,762,231 ބާޠިލް ވޯޓު ލާފައިވާއިރު އޭގެ ތެރެއިން މިލިއަނެއްހާ ވޯޓަކީ ދެ ކެނޑިޑޭޓުންގެ ނަން ކަނޑާލައި، ވޯޓު ކަރުދާހުގައި މިސްރުގެ ފުޓުބޯޅަ ތަރި މުޙައްމަދު ސަލާހުގެ ނަން ޖަހައިގެން އޭނާއަށް ލާފައިވާ ވޯޓެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް