ކ. މާލެ
|
8 ޖޫން 2018 | ހުކުރު 09:02
ރެޑް ކްރޮސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބޭލި ނަމަވެސް ޔަމަނުގައި ރެޑްކްރޮސްގެ 450 މުވައްޒަފުން އަދިވެސް ތިބޭނެ
ރެޑް ކްރޮސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބޭލި ނަމަވެސް ޔަމަނުގައި ރެޑްކްރޮސްގެ 450 މުވައްޒަފުން އަދިވެސް ތިބޭނެ
ރޮއިޓަރސް
ޔަމަނުގެ ދާޚިލީ ހަނގުރާމަ
ޔަމަނުގެ ދާޚިލީ ހަނގުރާމަ: ރެޑް ކްރޮސްގެ 71 މުވައްޒަފުން ޔަމަނުން ބާލައިފި
އެޕްރީލް މަހު ރެޑްކްރޮސްގެ މުވައްޒަފަކަށް ބަޑިން ހަމަލާދީ މަރާލި
ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޖަމާޢަތުން އެދޭ

ސަލާމަތީ ސަބަބުތަކަށްޓަކައި ޔަމަނުގައި ޙަރަކާތްތެރިވަމުން ދިޔަ ރެޑް ކްރޮސްގެ އެހީދޭ 71 މުވައްޒަފަކު އެޤައުމުން ބާލައި، ޖިބޫޓީއަށް ގެންގޮސްފިއެވެ.

ބައިނަލްއަޤްވާމީ ރެޑް ކްރޮސް ޖަމާޢަތުން ބުނީ އެޖަމާޢަތުގެ މުވައްޒަފުންތަކެއް ޔަމަނުން ބާލަން ޖެހުނީ އެމީހުންގެ ސަލާމަތަށް ނުރައްކާ ވެގެން ކަމަށާއި، ދާޚިލީ ހަނގުރާމައިގެ ހުރިހާ ފަރާތަކުން ވެސް އެހީދޭ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ބޭލިކަމުގައި ވިޔަސް ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހި ވީރާނާވެފައިވާ ޔަމަނުގައި އަދިވެސް ރެޑް ކްރޮސް ޖަމާޢަތުގެ 450 އެއްހާ މުވައްޒަފުން ޙަރަކާތްތެރިވާނެއެވެ.

ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ފެނާއި ސިއްހީ އެހީއަށް ބޭނުންވެފައިވާ ގިނަ އަދަދެއްގެ ޔަމަނު ރައްޔިތުންނަށް އެތަކެތި ފޯރުކޮށްދެނީ ރެޑް ކްރޮސް ފަދަ ބައިނަލްއަޤްވާމީ އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާޢަތްތަކުންނެވެ. ގިނަ އަދަދެއްގެ މުވައްޒަފުން ޔަމަނުން ބާލަން ޖެހުމުން އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އޭގެ އަސަރުކުރާނެ ކަމަށް ރެޑް ކްރޮސް އިން ބުނެއެވެ. 

ރެޑް ކްރޮސްގެ މުވައްޒަފެއްގެ ގޮތުގައި ޔަމަނުގައި މަސައްކަތްކުރަމުން ދިޔަ ލުބްނާނުގެ ރައްޔިތަކަށް މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ޔަމަނުގެ ހުޅަނގު ދެކުނުގައި އޮންނަ ތާއީޒްގައި ވަނީ ބަޑިން ހަމަލާދީ މަރާލާފައެވެ. އޭނާ ދަތުރުކުރަމުން ދިޔަ ކާރަށް ޙަމަލާދީފައި ވަނީ ޖަލަކަށް ޒިޔާރަތްކުރަން ދަނިކޮށް ކަމަށް ރެޑް ކްރޮސް އިން ބުނެއެވެ.

ރެޑް ކްރޮސް އިން ބުނާ ގޮތުގައި އެޖަމާޢަތުގެ ޙަރަކާތްތަކަށާއި މުވައްޒަފުންނަށް އަމާޒުކޮށް އިންޒާރުދީ، ބިރު ދެއްކުމުގެ އަމަލުތަކާއި، އެޖަމާޢަތުގެ ހަރަކާތްތައް ހުއްޓުވުމަށް ހިންގާ އަމަލުތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެހީ ދޭން ދިޔުމުގެ ކުރިން ކަށަވަރުވާން ޖެހޭ ކަމެއް ކަމަށާއި، އެކަމުގައި ކުރާނެ އިތުރު މަޝްވަރާއެއް ނޯންނާނެ ކަމަށެވެ. 

ޔަަމަނުގެ ޙޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް 2015 ވަނަ އަހަރުން ފެށިގެން ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮވެ ޔޫއޭއީއާ އެކު ދަނީ ހަމަލާތައް ދެމުންނެވެ. ހޫޘީ ހަނގުރާމަވެރިންގެ ޖަގަހަތަކަށް މިދިޔަ ތިން އަހަރު ސަޢޫދީ އިން ވަނީ 16،000 ފަހަރު ބޮން އަޅާފައެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ޙޫޘީ ހަނގުރާމަވެރިން ސަޢޫދީއަށް އަމާޒުކޮށް މިިދިޔަ ތިން އަހަރު ތެރޭގައި 90 އަށް ވުރެ ގިނަ މިސައިލް ފޮނުވާލާފައިވެއެވެ. 

ސަޢޫދީ އިން ތުހުމަތުކުރާ ގޮތުގައި ޙޫޘީ ހަނގުރާމަވެރިންނަށް މަދަދުވެރި ވަނީ އީރާނުންނެވެ. އަދި އީރާނުން ޙޫޘީ ހަނގުރާމަވެރިންނަށް މިސައިލާއި އެހެނިހެން ހަތިޔާރު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޙުދައިދާގެ ބަނދަރު ހިފުމަށް ސަޢޫދީ އިން ދަނީ މަސައްކަތްކުރަމުންނެވެ. ހުދައިދާގެ ބަނދަރަކީ ޔަމަނަށް ބޭނުންވާ ގިނަ އަދަދެއްގެ ކާނާ އާއި ބޭހުގެ އެހީ ކަނޑުމަގުން ފޯރުކޮށްދޭ ދޮރާއްޓެކެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި ޔަމަނަށް ގެންނަ ބައިނަލްއަޤްވާމީ އެހީގެ 70 އިންސައްތަ އެޤައުމަށް އެތެރެވަނީ ހުދައިދާގެ ބަނދަރުންނެވެ. އެހެންކަމުން ހަނގުރާމަވެރިންގެ އަތް ދަށުގައި އޮތް މި ބަނދަރު ހިފުމަށް ސަޢޫދީ އިން ހަމަލާދީފި ނަމަ ޔަމަނަށް ބޭނުންވާ އިންސާނީ އަސާސީ އެހީތައް ހުއްޓިގެން ހިނގައިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ބުނެ އދ. އިން ވަނީ އިންޒާރު ދީފައެވެ. 

ޔަމަނުގެ ޙޫޘީ ހަނގުރާމަވެެރިންނާއި އެޤައުމުގައި އޮތް ބައިނަލްއަޤްވާމީ މުޖްތަމައު ޤަބޫލުކުރާ ސަރުކާރާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުންދާއިރު، މި ފާއިތުވި ތިން އަހަރު ހަމަލާތަކުގައި 10،000 މީހުން މަރުވެފައިވެއެވެ. އަދި 40،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހޫޘީ ހަނގުރާމަވެރިން އެމީހުންގެ އަތުގައި ހުރި މިސައިލްތައް ދޫކޮށްލުމަށާއި، ބަދަލުގައި ސަޢޫދީ އިން ޔަމަނަށް ބޮން އެޅުން ހުއްޓާލުމަށް އދ. އިން ހުށަހެޅިއެވެ.

ޔަމަނަށް ސުލްހަ ގެނައުމަށް އދ. އިން އިސްނަގައިގެން ފަށާފައިވާ މަސައްކަތްތަކަށް ހޫޘީ ހަނގުރާމަވެރިން މަރުހަބާކިޔައެވެ. އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބުވާނީ ހަނގުރާމައިގެ އެހެން ބައިވެރިން އދ. ގެ ބައިވެރިވުން ސީރިއަސް ކަމެއްގެ ގޮތުގައި ދެކޭ ނަމަ ކަމަށް ހަނގުރާމަވެރިން ބުނެއެވެ. 

އދ. އިން އަންދާޒާ ކުރާ ގޮތުގައި ޔަމަނުގައި 22.2 މިލިއަން މީހުން ކާނާގެ އެހީއަށް ބޭނުންވެފައި ތިބިއިރު އަށް މިލިއަން މީހުން ތިބީ ބަނޑަށް ޖެހުމުގެ މަގުމަތީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް