ބ. ހިތާދޫގައި 2012 ވަނަ އަހަރު "އިންސާފުގެ މާރުކޭޓު" ގެ ނަމުގައި ހުޅުވި މާރުކޭޓުގައި ވިޔަފާރި ކުރަނީ ސޭޓަކާ ނުލާ ވަރަށް ތަފާތު ގޮތަކަށެވެ.
އެ ރަށުން ބުނި ގޮތުގައި އެ މާރުކޭޓުގައި އެއްޗެހި ބަހައްޓަން ބޭނުންވާ ފަރާތްތަކުން އަގު ޖެހުމަށްފަހު، ފައިސާ އަޅާނެ ދަޅެއް ނުވަތަ ފުޅިއެއް ބަހައްޓަނީއެވެ. އެ ދަޅު ނުވަތަ ފުޅި ބެހެއްޓުމުން، މާރުކޭޓަށް މީހުން އައިސް އެ ބޭނުންވާ އެއްޗެއް ގަތުމަށްފަހު އަމިއްލައަށް ލާރި މާރުކޮށްގެން، އެ ގަންނަ އެއްޗަކަށްވާ އަގު ދަޅަށް ލުމަށްފަހު ދަނީއެވެ.
ހިތާދޫ ކައުންސިލް މެމްބަރު އަންވަރު މުހައްމަދު ވިދާޅުވީ އެ މާރުކޭޓުގައި އެއްޗެހި ބެހެއްޓިޔަސް އެއްވެސް އެއްޗެއް ގެއްލިގެން ޝަކުވާ ލިބިފައިނުވާ ކަމަށާއި އެތާނގައި އާންމުކޮށް މީހުން އެއްޗެހި ބަހައްޓަނީ ހެނދުނު ގަޑީގައި ކަމަށެވެ.
އެ މާރުކޭޓުން ލިބެން ހުންނަ ބައެއް ތަކެއްޗަކީ ކިއުކަންބާ، ކަރާ، ކާށި، ބަށި، ކުދި ގުޅަ، އަދި ހަވާދުގެ އިތުރުން ފޭރެވެ. އެ މާރުކޭޓުގައި ވިއްކަން ބަހައްޓާ ތަކެއްޗަކީ ރަށުގެ ރައްޔިތުން އަމިއްލައަށް ހައްދައިގެން ވިއްކަން ބަހައްޓާ ތަކެއްޗެވެ.
އެ ތަނުގައި އެއްޗެހި ބަހައްޓާ ފަރާތްތަކުން ބުނީ އެ މާރުކޭޓުން ހެޔޮ އަގެއްގައި ތަކެތި ލިބޭނެ ކަމަށާއި އެތާނގައި އެއްޗެހި ބަހައްޓާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް ފައިސާ ގެއްލިގެން ނުވަތަ ބަހައްޓާ އެއްޗެހި ގެއްލިގެން އުޅެން ނުޖެހޭ ކަމަށެވެ.
އެ މާރުކޭޓުގައި ސޭޓެއް ނެތުމުން ރަށަށް އަންނަ މީހުން އެ ވާހަކަ ދައްކާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
އެ ރަށު ކައުންސިލުން ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަގުމަތިން މީހަކު ހޮވި 20 ރުފިޔާގެ ވެރި ފަރާތް ހޯދުމަށް އަޑުގަދަކުރާއިން ގޮވާފައެވެ. އެހާވެސް އެ ރަށު ރައްޔިތުން އިހްލާސްތެރި ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ. އަދި އެކަމަށް އެ ރަށު އެންމެހާ ރައްޔިތުން ފަހުރުވެރިވާ ކަމަށް ވެސް އެ ރައްޔިތުން ބުނެއެވެ.