ބުރާސްފަތި ދުވަހުގެ ހެނދުނާއި ރޭ އަވައްޓެރި ސްރީލަންކާގައި އެޅުވި ދިވެހި ފިލްމު ތިޔަ ލޯތްބާއި ދުރަށްގެ ދެ ޝޯވެސް ހައުސް ފުލްކަމަށް އެ ފިލްމުގެ ޑައިރެކްޓަރ މަރިޔަމް މޫސާ(މަރީ) ބުނެފިއެވެ.
މަރީ ރާއްޖެއެމްވީއަށް ބުނީ ލަންކާގައި އެޅުވި ދެ ޝޯ ފުލްވުމާއި ގުޅިގެން އިތުރު ޝޯއެއް ލަންކާގައި އެޅުވުމަށް އެދެމުން ދާކަމަށެވެ.
މި ޝޯތައް އަޅުވާފައިވަނީ ލަންކާގެ މައުންޓްލަވަނިއާ ސިޓީ ސިނަމާގައެވެ.
މަރީ ބުނީ ރޯދަ މަހަށް ފަހު ރާއްޖޭގެ އަތޮޅު ތެރޭ ފިލްމު ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށްރަށުގައި ފިލްމު އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 7900789 އަށް ގުޅުއްވާ އެކަން ހަމަޖެއްސުމަށް މަރީ ބުންޏެވެ.
މި ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓް ކޮށްފައިވަނީ ސްރީ ލަންކާގައެވެ. މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދު (މަލް) އަދި އަހުމަދު އަމަން (ޓޮމް)އަދި މަރިޔަމް ޝަހްޒާ އެވެ.
ޑައިރެކްޓަރ އަދި ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ(މަރީ)ގެ ތިޔަ ލޯތްބާއި ދުރަށް ރާއްޖޭގައި އަޅުވާފައި ވަނީ އެޕްރީލް މަހުގެ 21 ގައެވެ
.