ބޮލީވުޑްގެ އެކްޓަރ ޝްރެޔާސް ތަލްޕާޑޭ އާއި އޭނާގެ އަންހެނުން ދީޕްތީއަށް އަންހެން ދަރިއަކު ލިބިއްޖެއެވެ.
ރިޕޯޓްތައް ބުނެފައިވާގޮތުގައި ޝްރެއާސްއާއި ދީޕްތީއަށް ދަރިއަކު ލިބިފައިވަނީ ސަރޮގޭޓެއް މެދުވެރިކޮށެވެ.
ޝްރެޔާސްއަށް އަންހެން ކުއްޖަކު ލިބިފައިވާއިރު އޭނާއަށް ކިޔާނެ ނަމެއް އަދި ހޯދާފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.އެހެން ނަމަވެސް ރައްޓެހިން އޭނާގެ ދަރިއަށް ކިޔާނެ ނަންތައް ހޯދާފައިވާ ކަމަށާއި އެހެންކަމުން ދަރިއަށް ދޭނެ ނަމެއް އަދި ފައިނަލް ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.
އެދެމަފިރިން ކައިވެނި ކޮށްގެން އުޅޭތާ 14 އަހަރު ވީ އިރު ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ސަރޮގޭޓެއް މެދުވެރިކޮށް އެދެމީހުން ދަރިއަކު ހޯދާފައިވަނީ އެތައް އަހަރެން ވަންދެން ދަރިއަކު ހޯދުމަށް މަސައްކަތް ކުރުމަށްފަހުގައެވެ.
ސަރޮގޭޓް މެދުވެރިކޮށް ދަރިން ހޯދުމަކީ މަޝްހޫރު ފަންނާނުންގެ މެދުގައި މިހާރު ވަރަށް އާންމު ކަމެކެވެ.
ބޮލީވުޑްގެ ބައެއް ތަރިން ކަމަށްވާ އާމިރު ހާނާއި ސަނީ ލިއޯން ފަދަ ބައެއް ތަރިންވެސް ވަނީ ސަރޮގޭޓްކޮށްގެން ދަރިން ހޯދާފައިވެއެވެ.