ކޮންމެ އަހަރެއްގައި ވެސް މެއި މަހުގެ ފުރަތަމަ ހޯމަދުވަހު ބާއްވާ މެޓް ގާލާ2018 ގައި ޕްރިޔަންކާ އާއި ދީޕިކާ ޕަދުކޯންގެ ހެދުންތަކަށް ސަމާލުކަން ލިބިއްޖެއެވެ.
ފެޝަނަށް ލޯބިކުރާ ފަރާތްތަކަށް އަމާޒު ކޮށްގެން ބާއްވާ މޭޓް ގާލާގައި ޕްރިޔަންކާއާއި ދީޕިކާ ލައިގެން ހުރީ ރަތް ކުލައިގެ ހެދުމެކެވެ.
ޕްރިޔަންކާގެ ހެދުމާ އެކު ރަން ކުލައިގެ ހުޑެއްވަނީ ބޭނުން ކޮށްފައެވެ. ޕްރިޔަންކާ ބުނެފައިވަނީ އެ ހުޑަކީ އިންޑިއާގެ ފަރުމާ އެއް ކަމަށެވެ.
ދީޕިކާގެ ހެދުން ފަރުމާ ކޮށްފައިވަނީ ނޭޕާލުގެ ޑިޒައިނަރެއް ކަމުގައިވާ ޕްރަބާލް ގުރުންގް އެވެ.
އެންމެ ފުރަތަމަ މެޓް ގާލާ ބާއްވާފައިވަނީ 1971 އިން 1972 ވަނަ އަހަރަށެވެ. އެފަހަރުގެ ތީމް އަކީ "ފެޝަން ޕްލޭޓް" އެވެ.
މިދިޔަ އަހަރު ބޭއްވި މެޓް ގާލާގައި ދީޕިކާގެ ހެދުމަށް ތައުރީފް ކޮށްފައިވާއިރު ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން ދެން މެޓް ގާލާ ގައި މިދިޔަ އަހަރު ބައިވެރިވި ޕްރިޔަންކާ ޗޮޕްރާ ގެ ހެދުމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ޕްރިޔަންކާ މެޓް ގާލާއަށް ގޮސްފައިވަނީ ދުނިޔޭގައި އަދި މިހާތަނަށް ހަދާފައިވާ އެއްމެ ދިގު ޓްރެންޗް ކޯޓު ލައިގެންނެވެ. އެގޮތުން ގިނަ ބަޔަކު އެއަށް ޖޯކުގައި ޖަހައި ލާފައި ހުރި ފޮޓޯތަކުގައި ވަނީ އެއީ ޖިފުޓިގަނޑެއްގެ ގޮތަށް ސިފަ ކޮށްފައެވެ. އަދި އެހެދުމުގެ ފަސްބައިގައި އަލާއްދީން ބެއިންދުމަށް ފަހު އެއީ އަލާއްދީން އުދުހުމަށް ބޭނުން ކުރާ އެއްޗެއް ކަމަށް ސިފަ ކޮށްފައިވެއެވެ.
އެހެން ނަމަވެސް މިފަހަރު ޕްރިޔަންކާގެ ހެދުމަށް ވަނީ ތައުރީފު ކޮށްފައެވެ. މިއަހަރުގެ މެޓް ގާލާގެ ތީމަކީ ކްރިސްޓިއަން ދީނީ ތީމެކެވެ. މި ހަރަކާތުގައި ތީމާ ގުޅޭ ގިނަ ހެދުންތަކެއް ފެނިގެން ދިޔައެވެ.
ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މެޓް ގާލާއަށް މަޝްހޫރު އެތައް ތަރިންނެއް ވަނީ އެމީހުންގެ ހެދުން ދައްކާލާފައެވެ. މި އިވެންޓުގައި ރައިހާނާ އާއި އަމާލް ކްލޫނީ އާއި ކޭޓީ ޕެރީ ގެ ހެދުންވެސް ފާހަގަ ކޮށްލެވެއެވެ.