މަދޫރީ ޑިކްސިޓްގެ ފުރަތަމަ މަރާޓީ ފިލްމު ބަކެޓްލިސްޓް ސިނަމާތަކަށް އަންނާނީ މިމަހުގެ 25 ގައި ކަން ހާމަކޮށްފިއެވެ.
މިފިލްމާއި ބެހޭގޮތުން ވާހަކަ ދައްކަމުން މަދޫރީ މީގެ ކުރިން ބުނެފައިވަނީ މިއީ ކޮންމެސް ނަސީބެއް ލިބޭނެ ގޭބިސީ ދައްކުވައިދޭ ފިލްމެއް ކަމަށެވެ. މިފިލްމުން ދެނީ ހަމައެކަނި އުއްމީދާއި ހިތްވަރު ނޫންކަމަށާއި ހަގީގީ އިހުސާސްތަކާއިއެކު ދިރިއުޅުމަށް ހިތްވަރު ދޭނެ ކަމަށެވެ.
ބަކެޓް ލިސްޓް ޑައިރެކްޓްކުރަނީ ތޭޖާސް ޕްރަބާ ވިޖޭ ދެއޯސްކާރް އެވެ.
މި ފިލްމު ރިލީޒް ކުރާ ދުވަސް ހާމަކޮށްފައިވަނީ ފިލްމުގެ ދެވަނަ ޓްރެއިލާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ބަކެޓްލިސްޓް ހިންދީ ބަހުން ޑަބްކޮށްގެން ގެނެސްދޭނީ ކަރަން ޖޯހަރެވެ. މީގެ ކުރިން ވެސް ކަރަން ވަނީ ތެލުގޫ ފިލްމު "ބާހުބަލީ2" ވެސް ހިންދީ ބަހުން ޑަބްކޮށްގެން ގެނެސްދީފައެވެ.
މަދޫރީ މަރާޓީ ފިލްމަކުން ފެނިގެންދާއިރު އޭނާ މިހާރު ވަނީ މަރާޓީ ފިލްމަށް ޚާއްސަ ކޮށްގެން ޕްރޮޑަކްޝަން ހައުސްއެއް ވެސް ހުޅުވާފައެވެ. މިދިޔަ މާޗްމަހުގެ ތެރޭގައި ހުޅުވާފައިވާ މަރާޓީ ޕްރޮޑަކްޝަން ހައުސްއާ ބެހޭ ގޮތުން މަދޫރީ ބުނެފައި ވަނީ އޭނާ ހުޅުވައިފައިވާ ޕްރޮޑަކްޝަން ހައުސްއަކީ މަރާޓީ ފިލްމުތަކަށް ޚާއްސަ ކޮށްގެން ހަދާފައިވާ ޕްރޮޑަކްޝަން ހައުސްއެއް ކަމަށެވެ. އެ ޕްރޮޑަކްޝަން ހައުސްގެ ނަމަކީ އާރްއެންއެމްއެވެ. އެއީ މަދޫރީ އާއި އޭނާގެ ފިރިމީހާގެ ނަމުގެ ފެށޭ އަކުރުތަކެވެ.