ބޮލީވުޑްގެ ތަރި ސަލްމާން ޚާން އަނެއްކާ ވެސް އިންޑިއާގެ ޖޯދުޕޫރު ކޯޓަށް ހާޒިރު ކޮށްފިއެވެ.
އޭނާ އެ ކޮޓަށް ހާޒިރު ކުރުމަށް ފަހު މައްސަލައިގެ އަޑުއެހުން ކެންސަލް ކަމަށް ވަނީ އަންގާފައެވެ. އަދި އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހަށް މައްސަލައިގެ އަޑުއެހުން ފަސްކޮށްފައިވާ ކަމަށް އެ ކޯޓުން ސަލްމާނަށް ވަނީ އަންގާފައެވެ. ސަލްމާން އެ ކޯޓަށް ހާޒިރުވީ ބްލެކްބަކް ކިޔާ ޖަނަވާރެއް މަރާލިކަމަށް ބުނެ އެކޯޓުން އޭނާއަށް 5 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވާތީ އެކަމާ ދެކޮޅަށް ސަލްމާން ކޯޓަށް ލާފައިވާ މައްސަލައިގެ އަޑު އެހުމަކަށެވެ.
މީގެ 20 އަހަރު ކުރިން 1998 ވަނަ އަހަރު ސަލްމާން ޚާން ކުޅެފައިވާ ފިލްމު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން އުޅުމުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ފުއްލާގެ ވައްތަރެއް ކަމަށްވާ ބްލެކްބަކް ކިޔާ ޖަނަވާރެއް މަރާލުމުގެ ކުށް ސަލްމާން ޚާންގެ މައްޗަށް ސާބިތު ވެފައިވަނީ މިދިޔަ އެޕްރީލް މަހުގެ 5 ވަނަ ދުވަހުގައެވެ.
ސަލްމާން ގެ މައްޗަށް ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އޭނާ ވަނީ އެމައްސަލައިގައި ޖަލަށް ލާފައެވެ. އެހެން ނަމަވެސް އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ފަންސާސްހާސް ރުޕީސް ޖޯދްޕޫރުގެ ކޯޓަށް ދައްކާގޮތަށް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ސަލްމާން ޚާން ވަނީ ދެދުވަސް ޖަލުގައި ހޭދަކޮށްފައެވެ.
ކަފާލާތުގެ ދަށުން މިނިވަން ވިކަމުގައިވިއަސް ޖޯދު ޕޫރުގެ ކޯޓުގެ ޚާއްސަ ހުއްދައެއް ނެތި އޭނާއަށް އިންޑިއާއިން ބޭރަށް ނުދެވޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ސަލްމާން އިންޑިއާއިން ބޭރަށް ދަނީ އެ ކޯޓުން ހުއްދަ ނެގުމަށްފަހުގައެވެ.
ސަލްމާންއާއި އެކު 1998 ވަނަ އަހަރު "ހަމް ސާތު ސާތު ހޭ" ގެ މަންޒަރުތަކެއް ނަގަން އުޅުނީ ފިލްމީ ތަރި ސައިފް އަލީ ކާންއާއި، ތާބޫ، ސޮނާލީ ބެންދްރޭ އަދި ނީލަމްއެވެ. އެމީހުން ވަނީ މިދައުވާތަކުން ސަލާމަތްވެފައެވެ.
މީގެ ދެއަހަރު ކުރިން ވެސް ވަނީ ސަލްމާން ހާން ދުއްވި ކާރަކުން ޖެހި، މީހަކު މަރުވި މައްސަލާގައި ފަސް އަހަރަށް ޖަލަށް ލާން އޭނާގެ މައްޗަށް ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް ބޮމްބޭ ހައި ކޯޓުން ވަނީ ސަލްމާން ހާންގެ މައްޗަށް ދަށު ކޯޓުން ހިންގި ޝަރީއަތަކީ ފުރިހަމަ ޝަރީއަތެއް ނޫން ކަމަށް ބުނެ، އެ ހުކުމް ބާތިލް ކޮށްފަ އެވެ.
ބްލެކްބަކްގެ ގަޔަށް ބަޑިޖަހާ މަރާލާފައި ވަނީ ސަލްމާން ޚާން ކަމަށް އެ ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު ސަލްމާން ދުއްވި ވެހިކަލްގެ ޑްރައިވަރު އަދި މި މައްސަލައިގެ އެންމެ މުހިއްމު ހެކިވެރިޔާ ހަރީޝް ދުލާނީ ވަނީ ބުނެފައެވެ.
ސަލްމާން އެ ޖަނަވާރުންގެ ގަޔަށް ބަޑިޖެހިތަން ފެނުނު ކަމަށް ބުނެ ބަޔާން ދީފައި ވަނީ ވެސް ހަރީޝްއެވެ.