ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 12:09
ކާންޔޭ ވެސްޓް
ކާންޔޭ ވެސްޓް
ޓްވިޓަރ
ކާންޔޭ ވެސްޓް
400 އަހަރު ވަންދެން ކަޅު ނަސްލުގެ މީހުން އަޅުވެތި ކަމުގައި ތިބީ އަމިއްލަ އިހްތިޔާރުގައި ކަމަށް ކާންޔޭ ބުނެފި
 
ގިނަ ފަރާތްތަކެއް ދަނީ ކާންޔޭއަށް ފާޑު ކިޔަމުން، އޭގެ ތެރޭގައި ހޮލީވުޑްގެ ކަޅު ނަސްލަށް ނިސްބަތްވާ ގިނަ ފަންނާނުން ހިމެނޭ
 
އޭނާ މިފަދައިން ވާހަކަ މި ދެއްކީ ރައީސް ޓްރަމްޕަށް ތާއީދު ކުރާ ކަން އިއުލާން ކުރިތާ ދުވަސް ކޮޅެއް ފަހުން
 
ކާންޔޭ މިހެން ބުނެފައިވަނީ ޓީއެމްޒީއަށް ދިން އިންޓަވިއުއެއްގައި

11 މަހަށް ވުރެ ގިނަ ދުވަސް އާންމުންނާ ދުރުގައި އުޅުމަށް ފަހު ހޮލީވުޑްގެ މަޝްހޫރު ރެޕް އާޓިސްޓް، އަދި ރިއަލިޓީ ތަރި ކިމް ކާޑޭޝިއަންގެ ފިރިމީހާ، ކާންޔޭ ވެސްޓް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ހިންގާލާފައެވެ.

އޭނާ ކުރާ ކޮންމެ ޓްވީޓެއް ވެގެންދަނީ ވަރަށް 'ކޮންޓްރޮވަރޝަލް' އެއްޗަކަށެވެ. އެންމެ ފުރަތަމަ ފެށީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރާ ވާހަކަ ދައްކާށެވެ. އެއަށް ފަހު ޓްރަމްޕް ކުރައްވާ ހުރިހާ ކަމަކަށް ތާއީދު ނުކުރާކަން އެންމެނަށް އެންގުމަށް އޭނާގެ އަންހެނުން ގުޅާފައި ބުނި ވާހަކަ ވެސް އޭނާ ޓްވީޓް ކުރިއެވެ.

ޓްރަމްޕަށްވާ 'ލޯބި' ކާންޔޭ ހާމަ ކުރުމުން ގިނަ ފަރާތްތަކެއް އޭނާއަށް ފާޑު ކިޔެވެ. ހާއްސަކޮށް ކަޅު ނަސްލުގެ މީހުން އޭނާއަށް ފާޑުކީ އިރު، އޭގެ ތެރޭގައި ހޮލީވުޑަށް ނިސްބަތްވާ ނަން މަޝްހޫރު ތަރިން ހިމެނެއެވެ.

ނަމަވެސް، މިއާ ބަލާފައި ވެސް މާ ވަރުގަދަ ވާހަކަތަކެއް ކާންޔޭ ވަނީ ދައްކާފައެވެ.

އެގޮތުން ޓީއެމްޒީއަށް އަންގާރަ ދުވަހު ދިން އިންޓަވިއު އެއްގައި ކާންޔޭ ބުނީ، "400 އަހަރު ވަންދެން އަޅުވެތިކަން ކުރިއަށް ދިޔަ ވާހާކަ އަޑު އިވުނީމަ ބޮޑަށް ހީވަނީ އެއީ އަމިއްލަ އިހްތިޔާރެއް ހެން"ކަމަށެވެ.

މިއަށް ގިނަ ފަރާތްތައް ފާޑު ކިޔަމުންދާ އިރު، ޓްވިޓަރގައި 'އިފް ސްލޭވަރީ ވޯޒް އަ ޗޮއިސް' ކިޔާ ހޭޝްޓެގެއްވެސް ވަގުތުން ޓްރެންޑްވާން ފެށިއެވެ.

ކާންޔޭގެ މި ވާހަކައާ ގުޅިގެން ފާޑުކީ ހޮލީވުޑްގެ ފަންނާނުންގެ ތެރޭގައި ސްނޫޕް ޑޯގް، ޓީ.އައި، ޖޯން ލެޖެންޑް، ވިލް.އައި.އޭމް އަދި ސްޕައިކް ލީ ފަދަ ތަރިން ހިމެނެއެވެ. އަދި ލެޖެންޑް، ރިހާނާ، ޑްރޭކް، ޖަސްޓިން ބީބަރ، ނިކީ މިނާޖް، އަރިއާނާ ގަރާންޑޭ އަދި ކެންޑްރިކް ލަމަރ ފަދަ ތަރިންތައް ވެސް ޓްވިޓަރއިން ކާންޔޭ 'އަންފޮލޯ'ކޮށްފައިވާ ކަމަށް ރިޕޯޓްތަކުގައި ވެއެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި މީގެ ތެރޭގައި ކާންޔޭގެ އަންހެނުން ކިމްގެ އާއިލާގެ ބައެއް ފަރާތްތައް ވެސް ހިމެނެއެވެ. ނަމަވެސް މި މީހުން ކާންޔޭ އަންފޮލޯ ކުރީ ކޮން އިރަކު އަދި ކީއްވެގެންތޯ ކަށަވަރެއް ނުވެއެވެ.

"އަޅުވެތިކަމަކީ އަމިއްލަ އިހްތިޔާރެެއް"ކަމަށް ބުނުމަށް ފަހު ކުރިމަތިވި ފާޑު ކިޔުންތަކަށް ޖަވާބުދާރީ ވުމުގެ ގޮތުން ކާންޔޭ އަނެއްކާ ވެސް ޓްވިޓަރ އަށް ދިޔައެވެ.

ނަމަވެސް އޭގެ ބައެއް ޓްވީޓް މިހާރު ޑިލީޓް ކޮށްފައިވާ އިރު، ކާންޔޭ އެ ކޮމެންޓްގެ ދިފާއުގައި ދައްކާފައިވާ މައިގަނޑު ވާހަކަ އަކީ 'އެހާ ގިނަ މީހުން ތިބި އިރުވެސް އެހޭލުގައި އެހާ ގިނަ ދުވަސްވީ ނަފްސާނީ އަޅުވެއްޗެއްގެ ސަބަބުން"ކަމަށާއި،  "އިތުރު 400 އަހަރު އެ ނަފްސާނީ އަޅުވެތިކަމުގެ ނުތިބެވޭނެ"ކަމަށާއި ކަޅު ނަސްލުގެ މީހުންވެސް "މިނިވަން ހިޔާލު" ގެންގުޅެން ޖެހޭ ކަމަށެވެ. އަދި އޭނާގެ "އަޅުވެތިކަމަކީ އިހްތިޔާރެއް" ކޮމެންޓަކީ އެފަދަ މިނިވަން ހިޔާލެއް ކަމަށް އޭނާ ބުނެފައިވެއެވެ.

ދިފާއުގެ ވާހަކަ ދައްކައިގެން ވަކި ވީކަމެއް ނެތެވެ. ކާންޔޭއަށް ފާޑު ކިޔުންދަނީ އިތުރު ވަމުންނެވެ. ސްނޫޕް ޑޯގް ބުނެފައިވަނީ އަޅުވެތިކަމަކީ އިހްތިޔާރެއް ކަމަށް ވާނަމަ، ކާންޔޭގެ މިއުޒިކާއި ޑިޒައިން ކުރާ ހެދުން ގަތުމަކީ ވެސް އަޅުވެތި ކަމެކެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ކާންޔޭގެ އާ އަލްބަމެއް ރިލީޒް ކުރަން ތައްޔާރު ވަމުން ދާތޫ ޖައްސާ "ޕަބްލިސިޓީ ސްޓަންޓް"އެކެވެ. ބައެއް ރިޕޯޓް ތަކުން ބުނާ ގޮތުގައި ކާންޔޭ ތައްޔާރު ވަމުން ދަނީ ފަސް އަލްބަމް ރިލީޒް ކުރާށެވެ. އަދި އަލްބަމްގެ ކަވަރއަށް އޭނާގެ މަންމަ މަރުވުމުގެ ކުރިން ފަހު އޮޕަރޭޝަން ހެދި ޑޮކްޓަރުގެ ފޮޓޯ ބޭނުން ކުރަން ނިންމާފައިވާކަން ވެސް ކާންޔޭ ޓްވީޓް ކޮށްފައިވެއެވެ. ނަމަވެސް ޑޮކކްޓަރު ވަނީ އޭނާގެ ފޮޓޯ ބޭނުން ކުރުމަށް ކާންޔޭއަށް މަނާކޮށް ސިޓީއެއް ފޮނުވާފައެވެ.

އަނެއްބައި ފަރާތްތަކުން ދެކޭ ގޮތުގައި ކާންޔޭގެ ކޮންމެވެސް ނަފްސާނީ މައްސަލައެއް އުޅެނީއެވެ. އަދި އެއީ މަންމަ ކުއްލިއަކަށް ގެއްލި، އެކަމާ ރަނގަޅަށް ޑީލް ނުކުރެވުމުން ދިމާވިކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ.

ޑޮންޑާ ވެސްޓް މަރުވެފައިވަނީ 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް