އެކްޓަރ ބްލޭކް ލައިވްލީ އޭނާގެ އިންސްޓަރގްރާމް އެކައުންޓްގެ ހުރިހާ ޕޯސްޓްތައް ޑިލީޓްކޮށް މިހާރު ފޮލޯ ކުރަނީ ހަމައެކަނި އެމިލީ ނެލްސަން ކިޔާ 38 އަށް މީހުންނަށެވެ.
ބްލޭކް 30 ގެ އިންސްޓަރގްރާމް އެކައުންޓް އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ 20.4 މިލިއަނަށްވުރެން ގިނަ މީހުން ފޮލޯ ކުރާ އެކައުންޓެކެވެ. ބްލޭކް އޭނާގެ އިންސްޓަރ އެކައުންޓަށް ޕޯސްޓް ކޮށްފައިވާ ފެޝަން ޕޯސްޓްތަކާއި، އޭނާގެ ފިރިމީހާ ރޭޔަން ރޭނޮލްޑްސް ގެ މަޖާ ވީޑިއޯތައް އޭނާގެ އޮފިޝަލް އެކައުންޓްގައި ފެންނާކަށް ނެތެވެ.
އޭނާ އެންމެ ފަހުން ޑިލީޓް ކޮށްލައިފައިވާ ފޮޓޯއަކީ "ވަޓް ހެޕަން ޓު އެމިލީ" ކިޔާ ގޭމެއްގެ ފޮޓޯއެކެވެ. އަދި އޭނާ ވަނީ ޕްރޮފައިލްގައި އިންނަ ފޮޓޯވެސް މިހާރު ޑިލީޓް ކޮށްލައިފައެވެ.
ބްލޭކްގެ އިންސްޓަރ އެކައުންޓް ޑިލީޓް ކޮށްލުމަށް ފަހު "އެމިލީ ނެލްސަން" އަށް އެކަނި ފޮލޯކުރަން ފެށުމުން އެއީ އޭނާގެ ނިކުންނަން އުޅޭ ފިލްމް "އަ ސިމްޕަލް ފޭވަރ" ޕްރޮމޯޓް ކުރުމަށް ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޕައުލް ފެއިޖް ޑައިރެކްޓްކޮށް އޭނާ ކެންޑްރިކް ފިއުޗަރ ކުރާ މި ފިލްމަކީ ހަމަ އެމިލީ ނެލްސަންގެ ނަމުގައި ނެރެފައިވާ ފޮތަކަށް ނިސްބަތްކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އެމިލީ ނެލްސަން ނަމަކަށް ކިޔާ އަންހެނެއް ސިއްރުވެރި ގޮތަކަށް ގެއްލެއެވެ.
އިންސްޓަރގައި އެމިލީ ނެލްސަން ކިޔާ އެންމެނަށް ހޮލީވުޑް އެކްޓަރއެއް ފޮލޯ ކުރަން ފެށުމުން ބައެއް މީހުން ތިބީ ވާނުވާއެއް ނޭންގިފައެވެ. ބައެއް މީހުން ދެކެނީ އޭނާގެ އެކައުންޓް ހެކް ކޮށްލީ ކަމަށެވެ.