ބޮލީވުޑްގެ ތަރިންގެ ތެރެއިން ސޯނަމް ކަޕޫރާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ އާނަންދު އަހޫޖާ ކައިވެނި ކުރަން އުޅޭ ވާހަކަތައް ގަދަވެފައިވަނިކޮށް އެ ވާހަކަތަކަށް ބާރު ލިބޭ އެހެން ކަމެއް މިވަނީ ވެފައެވެ.
ސޯނަމްގެ ގޭގައި ވަށައިގެން ބޮކިފަތި ވަނީ ދިއްލާފައެވެ.
މިއީ އޭނާގެ ކައިވެނި ގާތްވެއްޖެކަން އަންގައިދޭ ހެއްކެއް ކަމަށް ބުނާއިރު އާންމުކޮށް މިކަހަލަ މުނާސަބަތުތަކާ ދިމާކޮށް މިއީ އިންޑިއާ މީހުންގެ އާދަކާދަތަކުގެ މަތިން ކުރާ ކަމެކެވެ.
ގޭގައި ބޮކިފަތި ދިއްލާފައި ވަނީ ކީއްވެކަން ސޯނަމްގެ ބައްޕަ އަދި ފިލްމީތަރި އަނިލް ކަޕޫރު ކިބައިން އެހުމުން އޭނާ ބުނީ އެއީ ކީއްވެކަން ވަގުތު ޖެހުމުން ބުނާނެ ކަމަށެވެ. ކައިވެނީގެ ވާހަކަ ރަސްމީކޮށް ބުނާނެ ކަމަށާއި އެކަމަށް އަދި ވަގުތު ނުޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ސޯނަމްގެ އާއިލާގެ މީހަކާ ހަވާލާދީ ބުނެފައި ވަނީ ސޯނަމް އާއި އާނަންދު ކައިވެނި ކުރާނީ މުމްބާއީގައި އަންނަ މަހުގެ 6 އަދި 7 ގައި ކައިވެނީގެ ހަފްލާތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. މުމްބާއިގައި ކައިވެނީގެ ހަފްލާތައް ބޭއްވުމަށް ފަހު އާނަންދުގެ އުފަން ސްޓޭޓް ކަމަށްވާ ދިއްލީގައި ވެސް ކައިވެނީގެ އުފަލުގައި ހަފްލާއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވަނީ އެނޫހުން ރިޕޯޓްކޮށްފައެވެ. އަނަންދު އަހޫޖާއަކީ ދިއްލީއަށް ނިސްބަތްވާ ވިޔަފާރިވެރިއެކެވެ.
ސޯނަމް ކައިވެނިކުރާ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ސޯނަމްގެ ބައްޕަ އަނިލް ކަޕޫރު އަވަދި ނެތި އުޅެމުންދާ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.