އިންޑިއަން އައިޑޮލްގެ ސީޒަން 10 އެއް އަވަހަށް ބެލުންތެރިންނާއި ހަމައަށް އަންނާނެއެވެ.
އިންޑިއަން އައިޑޮލްގެ އެންމެ ފަހުން ދައްކާފައިވާ ސީޒަންއަކީ އިންޑިއަން އައިޑޮލް ސީޒަން9 ކެވެ. މި ސީޒަން ދައްކާފައިވަނީ 2017 ވަނަ އަހަރުގައެވެ.
މި ސީޒަނުގެ ޖަޖަކަށް މިހާރު ވަނީ 2006 ވަނަ އަހަރު އެއައިޑޮލުގައި ބައިވެރިވެފައިވާ އަދި މިހާރު ކުރިއަރަމުން އަންނަ އެއް ލަވަކިޔުންތެރިޔާ ނެހާ ކައްކަރު ހަމަޖައްސާފައެވެ.
ނެހާގެ އިތުރުން މި ސީޒަންގެ ޖަޖުންނަކީ އަނޫ މާލިކް އަދި ވިޝާލް ދަދްލާނީއެވެ.
ނެހާ ބުނީ "އޭނާގެ ލަވަކިޔުމުގެ ދާއިރާ ފެށުނީ އިންޑިއަން އައިޑޮލުން ކަމަށާއި އޭނާ މިހާރުވެސް އިންޑިއަން އައިޑޮލްއަށް ޝޯޓު ލިސްޓުވި ދުވަސްމަތިން ހަނދާންވާ ކަމަށެވެ. އަދި އޭނާގެ ލަވަކިޔުމުގެ ހަޔާތް ފެށުނީ އޭގެން ކަމަށްވާއިރު އިންޑިއަން އައިޑޮލްގެ ގަދަ ދިހައެއްގައި ހިމެނުންއެއީ އުފާވިދުވަހެއް. އިންޑިއަން އައިޑޮލްގެ ޖަޖަކަށްވުން އެއީ ލިބުނު ފަޚުރެއް." ކަމަށެވެ.
ނެހާގެ އިތުރުން މި ޝޯގެ ޖަޖުންގެ ފެނިގެންދާނެ އެއް ޖަޖް ވިޝަލް ބުނީ " ވަރަށްގިނަ ޝޯތަކުގައި ޖަޖުކަން ކުރެވިއްޖެ. އިންޑިއަން އައިޑޮލް ޖޫނިއާގައި ވެސް ޖަޖުކަން ކުރެވިއްޖެ. އަދި އޭގެ އިތުރުން އެހެނިހެން ޝޯ ތަކުގައިވެސް. އިންޑިއަން އައިޑޮލް ސީޒަން 10 ގައި ޖަޖުކަން ކުރަން ލިބުން އެއީ އަހަންނަށް ލިބުނު ކުރިއެރުމެއް." ކަމަށެވެ.
އިންޑިއަން އައިޑޮލްގެ ނުވަ ވަނަ ސީޒަންގެ އެއްވަނަ ހޯދީ އެލްވީ ރޭވާންތުއެވެ. އަންދުރަޕްރަދޭޝް އަށް އުފަން އެލްވީ ރޭވާންތު އަކީ ސައުތު އިންޑިއަން ލަވަކިޔުންތެރި އެކެވެ. އޭރު އޭނާ އަށް ރަނގަޅަށް ހިންދީ ބަހުން ވާހަކަ ދައްކާކަށް ނޭނގެ އެވެ. ފަހުން އޭނާ ވަނީ ހިންދީ ބަހުން ރަނގަޅަށް ވާހަކަދައްކަން ދަސްކޮށްފައެވެ. އިންޑިއަން އައިޑޮލްގެ ޓްރޮފީއާ އެކު އޭނާ އަށް ވަނީ 25 ލައްކަ ރުޕީސް އާއި ޔުނިވާސަލް މިއުޒިކްގެ އެއް އަހަރުގެ ދުވަހު ކޮންޓްރެކްޓެއް ލިބިފައެވެ. އޭގެ އިތުރު މަހިންދުރަ ކޭޔޫވީއަށް އެންމެ ފަހުގެ ކާރެއް ވެސް ލިބިފައި ވެއެވެ. މި ސީޒަންގެ ފަސްޓް ރަނަރަޕަށް ހޮވުނީ މުޅި ސީޒަނުގައި ވެސް ވަރަށް ގިނަ ބައެއްގެ ހިތް ފަތަހަކުރި ރީތި ލަވަތަކެއް ހުށަހަޅައިދިން ޚުދާ ބަކްޝްއެވެ. ސެކަންޑް ރަނަރަޕަކަށް ހޮވިފައި ވަނީ ޕީވީއެން ރޯހިތެވެ.
އިންޑިއަން އައިޑޮލްގެ ނުވަނަވަ ސީޒަނަށް ގިނަ ބައެއްގެ ތައުރީފް ލިބިގެން ގޮސްފައި ވެއެވެ. ހާއްސަކޮށް މި ޝޯ އިންޑިއާގައި ފުރަތަމަ ފެށި އިރު ޖަޖުންގެ ގޮތުގައި ތިބި ތިން މީހުން އެކުގައި އަލުން ފެނުމަކީ ވެސް އޭގެ އެއް ސަބަބެވެ. އޭގެ އިތުރުން ޝޯގައި މިހާތަނަށް ނުފެންނަ ވަރުގެ ރަނގަޅު ލަވަކިޔުންތެރިން ފެނިގެން ދިއުމަކީ ވެސް ނުވަވަނަ ސީޒަނަށް ގިނަ ބައެއްގެ ތައުރީފް ލިބުނު ސަބަބެކެވެ.
މިއަހަރުގެ ޝޯތަކުގެ އޮޑިޝަން އަންނަ މަހު ފެށި ނަމަވެސް އަދި ސީޒަން ދައްކަން ފަށާނެ ދުވަހެއް ސޮނީ ޓީވީން އިއުލާނެއް ނުކުރެ އެވެ.