"މިޝަން އިމްޕޮސިބަލް" ގެ ހަ ވަނަ ފްރަންޗައިޒިން ފިލްމު "ފޯލްއައުޓް" އަކީ މިހާތަނަށް އެންމެ ޗެލެންޖިން ފިލްމު ކަމަށް ފިލްމުގެ އެކްޓަރ އަދި ޕްރޮޑިއުސަރ ޓޮމް ކްރޫޒް ބުނެފިއެވެ.
"މިޝަން އިމްޕޮސިބަލް- ފޯލްއައުޓް" އާ ބެހޭ ގޮތުން އޭނާ ބުނީ މި ފިލްމު އެހާ ޗެލެންޖިން ފިލްމަކަށްވީ އޭނާ މިފިލްމުގައި އެކްޓުކުރަންޖެހުމާއި ފިލްމު ޕްރޮޑިއުސް ކުރަންޖެހުން ކަމަށެވެ.
"އަހަރެން މަސައްކަތް ކުރަނީ އިހުތިރާމް ކުރާ މީހުންނާ އެކު އަދި މަސައްކަތް ކުރަން ބޭނުންވަނީ މަޖާ ގިނަ ވަގުތު މަސައްކަތް ކުރާ މީހުންނާ އެކީ މަސައްކަތް ކުރުމަށް. މިޝަން އިންޕޮސިބަލް އުފެއްދުން އެއީ ފަސޭހަކަމެއް ނޫން. އެއީ އުނދަގޫ ކަމެއް. މިއީ މިހާތަނަށް އަހަރެން އުފެއްދި އެންމެ ޗެލެންޖިން ފިލްމު. ސަބަބަކީ އެކްޓުކުރަމުން ޕްރޮޑިއުސް ކުރަންޖެހުން،" ޓޮމް ކްރޫޒް ބުންޏެވެ.
މި ފިލްމުގެ ޝޫޓިން ކުރިއަށްދިޔަ ވަގުތު ޓޮމް ކްރޫޒަށް ވަނީ އިމާރާތެއްގެ މަތިން އެހެން އިމާރާތެއްގެ މައްޗަށް ފުންމައިލަން އުޅުމުގެ ތެރޭގައި ކަކުލަށް އަނިޔާވެފައެވެ. އެހެން ނަމަވެސް މިހާރު އޭނާ ފިޓް ކަމަށް ޓޮމް ބުންޏެވެ.
"މިޝަން އިމްޕޮސިބަލް- ފޯލްއައުޓް" ޑައިރެކްޓް ކުރަނީ މިދިޔަ އަހަރު ރިލީޒް ކުރި މި ސީރިޒްގެ ފަސް ވަނަ ފިލްމް "މިޝަން އިމްޕޮސިބަލް: ރޯގް ނޭޝަން" ޑައިރެކްޓް ކުރި ކްރިސްޓޯފާ މެކޯރީއެވެ.
ޓޮމް ކްރޫޒް ބުނީ ފިލްމުގެ ތަރިންނަކީ ވަރަށް ކުޅަދާނަ ތަރިންތަކެއް ކަމަށާއި އެންމެން ވެސް މަސައްކަތް ކުރީ ވަރަށް ބުރަކޮށް ކަމަށެވެ.
މި ފިލްމުގައި ޓޮމް ކްރޫޒާ އެކު ފެނިގެންދާނެ ތަރިންގެ ތެރޭގައި ފަސް ވަނަ ފިލްމުން ވެސް ފެނިގެން ދިޔަ ރެބެކާ ފާގަސަން، އެލެކް ބޯލްޑްވިން އަދި ސައިމަން ޕެގް ފަދަ ތަރިން ހިމެނެއެވެ. މީގެ އިތުރުން މޭން އޮފް ސްޓީލް (2013) ގައި ސްޕަމޭންގެ ރޯލް ކުޅުނު ހެންރީ ކެވިލް ހިމެނެއެވެ.
މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖުލައި މަހުގެ 27 ގައެވެ.