ކަރީނާ ކަޕޫރަށް ދަރިއަކު ލިބިފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ފަހުން އޭނާ އެންމެ ފުރަތަމަ ފެނިގެންދާ ފިލްމު "ވީރޭ ދި ވެޑިން" ސިނަމާތަކަށް އަންނާނީ ޖޫންމަހުގެ 1 ގައެވެ.
"ވީރޭ ދި ވެޑިން"ގެ ޓްރެއިލާ އާންމު ވުމާ އެކު ހެން ކަރީނާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ އަށް އެ ފިލްމުކުޅުމަށް އެންމެ ބޮޑަށް ބާރު އެޅި މީހަކީ އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން ކަމަށެވެ. އޭނާ ބަލިވެ އިންކަން އެނގުމުން ފިލްމުގެ ޕްރޮޑިއުސަރ ރިއާ ކަޕޫރު ކިބައިން އެފިލްމަށް އެހެން މީހަކު ހަމަޖެހުމަށް އެދުނު ކަމަށާއި އެހެން ނަމަވެސް ކަރީނާ ނޫން އެހެން މީހަކާ އެކު ފިލްމު ކުރިޔަށް ގެންދަން ބޭނުން ނޫން ކަމަށް ރިއާ ބުނި ކަމަށެވެ.
"އެފިލްމަށް ސޮއި ކުރި އިރު އަހަރެން އިނނީ ބަލިވެއެއް ނޫން. ސައިފް ކަހަލަ ވިސްނޭ ފިރިއެއް ލިބުން އެއީ އަހަރެންގެ ނަސީބު. ސައިފް ފިޔަވާ ދެން އަހަންނަށް މި ފިލްމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޕްރޮޑިއުސަރ ރިއާ ކަޕޫރުގެ ފަރާތުން. ރިއާ އަށް ގުޅުމަށް ފަހު ބުނިން އަހަރެން އިނނީ ބަލިވެއޭ އެހެން މީހަކު އެ ފިލްމަށް ނަގާށޭ. އެހެން ނަމަވެސް ރިއާ އަހަރެން ވިހާ ގަދަވަންދެން ހުރީ މަޑުކޮށްލައިގެން،" ކަރީނާ ބުންޏެވެ.
ކަރީނާ ބުނީ ރިއާ ބޭނުންވީ ހަމަ އޭނާއާ އެކު އެފިލްމު ހެދުމަށް ކަމަށާއި އެހެން ކަމުން އޭނާ ވިހެއުމުން ސައިފް އޭނާ ޖިމްއަށް ދިއުމަށް މަޖުބޫރު ކުރުވި ކަމަށެވެ. އަދި އޭނާ ވިހެއިތާ ގާތްގަނޑަކަށް ދެތިން މަސްވި ތަނާ އޭނާ ޖިމްއަށް ގޮސް އަލުން ފިލްމު ކުޅުމާ ގުޅެން އުޅޭށޭ ބުނި ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ދަރިފުޅު ތައިމޫރު ކުޑަކަމުން އޭނާއަށް ފިލްމުކުޅުމަށް އަނބުރާ އަންނަން ފަސްޖެހުނު ކަމަށް ކަރީނާ ބުންޏެވެ.
"ސައިފް ބުނީ ތައިމޫރު ކުޑަވުމުން ނުދާން އުޅުމުން އޭނާ ގޮވައިގެން ޝޫޓިންތަކަށް ދާން. އަދި އެހެން މަންމައިންނަށް ނަމޫނާ މީހަކަށް ވާން." ކަރީނާ ބުންޏެވެ.
ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރާއި ސްވަރާއި ބާސްކަރު އަދި ޝިކާ ތަލްސާނިއާ އެކީގައި ފެނިގެންދާ މިފިލްމަކީ ކަރީނާ ވިހެއުމަށް ފަހު އެނބުރި އަންނަ ފުރަތަމަ ފިލްމެވެ. އަދި މިއީ މި ހަތަރު ތަރިން ވެސް އެކީގައި ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަޝަންކާ ގޯޝްއެވެ. މި ފިލްމު ރިލީޒްކުރާނީ މި އަންނަ ޖޫން މަހުގެ 1 ގައެވެ.