ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރާއި ޕަރިނީތީ ޗޮޕްރާ ލީޑު ރޯލުން ފެނިގެންދާ ފިލްމު ކެސާރީގެ ސެޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އިންޑިއާގެ ސްޓޭޓެއް ކަމަށްވާ މަހަރަޝްތްރާ ގެ ސަތާރާ ޑިސްޓްރިކްޓުގައި މިހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގައެވެ. އެ ސެޓުގައި ހިނގި އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެސްޓޭޓުގެ ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ޕީޓީއައި ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މިހާދިސާގައި އެކަކަށް ވެސް ގެއްލުން ނުވާކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.
މިހާދިސާ ހިނގަން މެދުވެރިވެފައި ވަނީ އެ ފިލްމުގެ ބޮން ގޮއްވުމުގެ ހާދިސާއެއް ޝޫޓްކުރަން އުޅުމުގެ ތެރޭގައި ކަމަށް އެ ސްޓޭޓުގެ ފުލުހުންނާއި ހަވާލާދީ ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ހާދިސާ ހިނގައިދިޔައިރު އެ ސެޓުގައި އަކްޝޭ ނޫޅޭކަމަށް ވެސް ވެއެވެ.
ކެސާރީ ޕްރޮޑިއުސް ކޮށްފައިވަނީ ކަރަން ޖޯހަރާއި އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާގެ އިތުރުން އިޝާ އަންބާނީއެވެ. ފިލްމު ޑައިރެކްޓް ކުރަނީ އަނޫރާގް ސިންގް އެވެ. އަންނަ އަހަރު ރިލީޒް ކުރާގޮތަށް ހަމަޖެހިފައިވާ ކެސާރީ އަކީ އިންޑިއާގެ ހަނގުރާމައިގެ ވާހަކަތަކުގެ މައްޗައް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.