ދ. ވާނީގައި ފުލުހުންގެ އަސާސީ ތަމްރީން ހަދަމުންދިޔަ ފުލުސް މީހާ މަރުވީ ސިކުނޑީގެ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލުން ބުނެފި އެވެ.
ކުޑަހުވަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ހޯމަ ދުވަހު ވިދާޅުވީ މަރުވި، ށ. ކޮމަންޑޫ، އަސަރީގޭ އަހްމަދު ވިފާޤް، 25، ކުޑަހުވަދޫ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ ކޯމާއެއްގައި ކަމަށާއި އެ ހޮސްޕިޓަލަށް ހުން ވެސް ވަރަށް ގަދަ ކަމަށެވެ. އޭނާގެ ސިކުނޑީގައި އިންފެކްޝަނެއް އުފެދިފައިވާ ކަމަށް ބެލެވޭ ކަމަށް އޮފިޝަލް ވިިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެހެންކަމުން އޭނާއަށް އިތުރު ފަރުވާ ބޭނުންވާތީ މާލެއަށް ފޮނުވާލީ ކަމަށެވެ. މިކަމާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މިހާތަނަށް ފުލުހުންގެ ތަރުޖަމާ އަހުމަދު ޝިފާން ވިދާޅުވެފައިވަނީ ބޭސިކް ޓްރެއިނިން ހެދުމުން ދިޔަ ފިރިހެން ފުލުހަކު ބަލިވެގެން ދ. ކުޑަހުވަދޫއިން ފަރުވާ ދިނުމަށްފަހު މާލެ ގެންނަނިކޮށް ދަތުރުމަތީގައި މަރުވެފައިވާކަމަށެވެ.
ކުޑަހުވަދޫ މީހަކު މައުލޫމާތު ދިން ގޮތުގައި ވާނިން އެ ފުލުސް މީހާ ކުޑަހުވަދޫއަށް ގެންދިޔައީ ފުލުހުންގެ ލޯންޗެއްގަ އެވެ. ނަމަވެސް އެ ލޯންޗް އިންޖީނު މައްސަލައެއް ޖެހިގެން ހުއްޓުމުން އެހެން ލޯންޗެއްގައި ކުޑަހުވަދޫއަށް ގެންދިޔައީ ކަމަށް ބުންޏެވެ.
ކުޑަވަދޫގައި އެއާރޕޯޓެއް އޮންނައިރު، މާލެއަށް އެ ފުލުހުން މީހާ ގެނައުމަށް ފްލައިޓުން ޖާގަ ނުލިބިގެން އޭނާ މާލެ ގެނައީ ސީ އެމްބިއުލެންސްގައި ކަމަށްވެސް ކުޑަހުވަދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި ސީ އެމްބިއުލޭންސްގައި މާލެ ގެންނަނިކޮށް ސީ އެމްބިއުލޭންސް ކަނޑުމަތިން ލަކުޑި ގަނޑެއްގައި ޖެހިގެން ހުއްޓުމުން އެހެން ލޯންޗެއްގައި މާލެ ގެނައީ ކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
ވިފާޤް ވަޅުލާފައި ވަނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާގަ އެވެ.