ވުމަންސް އެންޓްރަޕްރަނާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއެމް) އިން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި މަސައްކަތެއް ކުރަން ނުކެރިފައި ގޭގައި ތިބޭ އަންހެން ކަނބަލުންނަށާއި އެ އެސޯސިއޭޝަންގެ މެމްބަރުންނަށް ހާއްސަކޮށްގެން "މަށަށްވެސް ވާނެ" ގެ ނަމުގައި ހާއްސަ މައުލޫމާތު ޝެޝަނެއް ބާއްވައިފިއެވެ.
މި އިންފޮމޭޝަން ޝެޝަން ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެރޭ 9:00 އިން 10:30 އަށް ކަސްޓަމްސް އޮފީހުގައެވެ.
ވިއެމްގެ ޗެއަރޕާސަން ޝާއިރާ ސަލީމް ވިދާޅުވީ މި ޝެޝަންގައި 119 ކަނބަލުން ބައިވެރިވި ކަމަށާއި މި ޝެޝަންގައި ކޮމާޝަލް ބޭންކްގެ ފަރާތުންވެސް އަންހެންނަށް ހުރި ލޯނުގެ ފުރުސަތުތައް އޮޅުން ފިލުވައިދީ އެ މައުލޫމާތު ސާފުކޮށްދީފައިވާ ކަމަށެވެ.
ޝާއިރާ އިތުރަށް ވިދާޅުވީ ވަރަށް މޮޅަށް ކިޔަވާފައި، ގޭތެރެއިން ނުނިކުމެވި ތިބި ކަނބަލުންނާއި ކުރީގައި މަސައްކަތް ކޮށްފައި އެހާ ގިނަ ދުވަސް ފަހުން ތިމަންނަމެންނަށް ނުވާނޭ ހިތާ މަސައްކަތެއް އަލުން ނުކެރި ނުވަތަ ގެއިން ނުނިކުމެވި އެ ކޮންފިޑެންސް ގެއްލިފައި ތިބި މީހުން އެބަތިބި ކަމަށެވެ. އަދި "މަށަށްވެސް ވާނެ" މި ޝެޝަންގެ ދަށުން އެ ކަނބަލުންނަށް އިތުރަށް ކުރިއަށް ދިއުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް ޝާއިރާ ވިދާޅުވިއެވެ.
މީގެ އިތުރުން މިޝެޝަންގައި އަލިއަޅުވާލާފައިވާ ބައެއް ކަންތައްތަކަކީ ދިރިއުޅުން އިތުރަށް ހަރުދަނާކޮށް ކަންކަން ރާވާ ހިންގާނެ ގޮތްތަކެވެ.
މި ޝެޝަންގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓްވެސް ހަވާލުކޮށްފައެވެ.
ކުރިއަށް އޮތްތާނގައި ވިއެމްގެ ފަރާތުން އަންހެނުން ބާރުވެރިކޮށް އަންހެނުނަށް މިފަދަ މުހިންމު ޝެޝަންތަކެއް ހިންގާނެ ކަމަށް ވަނީ މައުލޫމާތުދީފައެވެ.