އެންޓި ޑިފެކްޝަން ބިލަކީ ސީދާ ޣައިރު ޤާނޫނީ ބިލެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން "ވަރަކޮށާ ބިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މި ސަރުކާރުގެ އަތުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން މިހާރު ކުރަން އުޅޭ ކަންތައްތައް ވަރަށް ސާފުކޮށް ފެންނަ ކަމަށާއި މި ބިލް ފާސްކުރަން އުޅެނީ ޤާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
"ސަރުކާރެއް އޮވެމެ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮވެފައި މެޖޯރިޓީ އަތުން ބީވެ ދިޔުމަކީ ހަމަ ސިޔާސީ މީހަކަށް ލިބޭނެ އެންމެ ބޮޑު ލަދު އަދި ބޯނެ އެންމެ ބޮޑު ބޮނޑި. އެހެންވީމަ މީ ވެގެން މި އުޅޭ ގޮތަކީ. މި ހިނގާ އެއްވެސް ކަމަކީ ޤާނޫނު އަސާސީގެ ތެރެއިން ހިނގާ ކަމެއް ނޫން. ޤާނޫނާ ގާތްކުރާ ކަމެއްވެސް ނޫން" އިންތި ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ މި ސަރުކާރަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ގެއްލިގެން ދިޔައީ ނުލަފާކަމުންނާއި ޣައިރު ޤާނޫނީ އަމުރުތައް ހިންގާލެއް ގިނަކަމުން ކަމަށާއި އެ މެމްބަރުން ސަރުކާރުގެ ފަރާތުން އެކަންތައްތައް ރަނގަޅު ކުރަން އެދުމުވެސް އެކަންތައްތައް ރަނގަޅު ނުކުރުމުން ކަމަށެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ބިލްގެ ސަބަބުން ޕާޓީގެ ލީޑަރުންނަށް ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި މި ބިލަކީ މަޖިލީހަށް ބަލައިގަނެވޭނެ ބިލެއްވެސް ނޫން ކަމުގައެވެ.
"ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއެއް ތަނެއް ނުދޭ މި ބިލަކަށެއް. އެންމެ ފުރަތަމަ ކަމަށް މި ބިލަކީ މަޖިލީހަށް ބަލައިގަނެވޭނެ ބިލެއްވެސް ނޫން. ޤާނޫނު އަސާސީގައި ކަނޑައެޅިގެން އެބަ ބަޔާންކުރޭ 76 ވަނަ މާއްދާގައި މެމްބަރުންގެ ޝަރުތުތައް. ޕާޓީ ބަދަލުވެގެން ޝަރުތު ގެއްލުމަކީ އޭގައި އޮތް ހަމައެއް ނޫން. ހަމަ އެހެންމެ ޤާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނަނީ ރައްޔިތުން މަޖިލީހުގެ މެމްބަރަކު ވޯޓްދޭން ޖެހޭނީ ނުވަތަ މަސައްކަތް ކުރަން ޖެހޭނީ ވަކި މީހެއް ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަކަށް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކުރީގެ ސޮލިސިޓަރ ޖެނެރަލް އިބްރާހީމް ރިއްފަތު ވިދާޅުވީ މި ބިލް ފާސްކޮށްފިކަމުގައިވާނަމަ ރައްޔިތުން ވަކި ބާރުތަކެއް ވަކި ބަޔަކާ ހަވާލުކޮށްފައިވާއިރު އެ އުސޫލާއި ހިލާފަށް ރައްޔިތުންގެ މައްޗަށް ވެރިކަން ކުރެވިގެންދާނެ ކަމަށާއި ޤާނޫނު އަސާސީގެ އަސާސީ ސިފަވެސް ގެއްލިގެންދާނެ ކަމަށެވެ.
"މި ބިލްގައި ފާހަގަކޮށްފައިވާ ކަންތައްތައް މި ވަނީ ޤާނޫނު އަސާސީއާ ތައާރަޒުވާ ގޮތަށް. އެއީކީ އެކަން އެގޮތަށް ކޮށްގެންވާނެ ކަމެއް ނޫން. އެކަން އެގޮތަށް ކުރީމައި ޤާނޫނު އަސާސީގެ އަސާސީ ސިފަ ގެއްލިގެންދާނެ އަދި ރައްޔިތުން ވަކި ބާރުތަކެއް ވަކި ބަޔަކާ ހަވާލުކޮށްފައިވާއިރު އެ އުސޫލާއި ހިލާފަށް ރައްޔިތުންގެ މައްޗަށް ވެރިކަން އެކުރެވެނީ. އެއީ ރައްޔިތުންގެ މަޖިލީހަށް ކުރެވޭނެ ކަމެއްވެސް ނޫން އަދި ރައީސުލް ޖުމްހޫރިއްޔާއަށްވެސް ކުރެވޭނެ ކަމެއްވެސް ނޫން" ރިއްފަތު ވިދާޅުވިއެވެ.