"ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ތެޔޮ ބޯޓްގެ ހަގީގަތް ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމާބެހޭ ހުރިހާ މުއައްސަސާއަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދަށް ރާއްޖޭގެ ދިދަ ނަގާފައިވާ އުޅަނދުން ސްމަގަލް ކުރީ ތެޔޮ ކަމަށް ބެލެވޭއިރު މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
"މި ހާލަތުގައި އަޅުގަނޑުމެން ކަންބޮޑުވަނީ ދުނިޔޭގެ ބޮޑު މައްސަލައެއްގެ ތެރެއަށް ދިވެހިރާއްޖެ ވަނުމުން. މި ބޯޓަކީ ދިވެހި ދިދައިގެ ދަށުން އޮޕަރޭޓްކުރާ ބޯޓެއް ކަމަށް ޖަޕާނު ސަރުކާރުން ބުނީމައި އެއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. މިކަމުން ބެލިބެލުމުން އެނގުނީ މި ބޯޓަކީ ދިވެހިރާއްޖޭގެ ދިދައިގެ ދަށުން އޮޕަރޭޓް ކުރާ ބޯޓެއް ކަމަށް" ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖެއިން މިކަން ދޮގުކޮށް ބަޔާން ނެރުނު ކަމުގައިވީނަމަވެސް އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއާއި މައުލޫމާތު ހިއްސާކުރަނީ ސީދާ އެ ގައުމެއްގެ ކަމާ ބެހޭ މުއައްސަސާތަކުން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ފާހަގަކޮށްފައެވެ.
"އެހެންވީމަ ކޮށްގެން މިއުޅެނީ އިންޓަރނޭޝަނަލް ކްރައިމްއެއް. އަޅުގަނޑުމެން އެންމެ ކަންބޮޑުވާކަމަކީ ރާއްޖޭގެ ދިދަ އެހެން ސަރަހައްދެއްގެ ބޯޓެއްގައި ބޭނުން ކުރެވެމުންދާއިރު ސަރުކާރުން ކަމުގެ ހަގީގަތް ބަލަންވާ ވަރަށް ނުބަލައި މިއީ ސަރުކާރުގެ ބޯޓެއް ނޫން ކަމަށް ބުނެ ރެކިގަންނަން މަސައްކަތްކުރާތީ. އަޅުގަނޑުމެން މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން" ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވިއެވެ.
މިކަމަކީ ސަރުކާރުން އޮޅުވާލެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފައިވަނީ އަމިއްލަ ފަރާތަކަށް މިގޮތަށް އަމިއްލައަށް އުޅަނދެއް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި މިކަމުގައި ސަރުކާރުގެ އިދާރާތަކުގެ ފުރިހަމަ ބައިވެރިވުން އެބައޮތް ކަމަށެވެ.
"މިދެންނެވި ކަންތައްތައް މިހެން ހުރުމާއެކު އަދި ރައީސް ޔާމީންއަކީ ތެލުގެ ވިޔާފާރީއާ ވަރަށް ބޮޑަށް ގުޅުން ހުރި ބޭފުޅަކަށްވެފައި މިދެންނެވި ކަންތައްތަކާއި ގުޅުންހުރި ބޯޓަކުން ދުނިޔޭގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް ގައުމަކަށް ތެޔޮ އެތެރެކުރުމުގެ މަސައްކަތް ކުރުމަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑު ބަދުނާމެއް އުފުލަންޖެހި ދިވެހިރާއްޖެ ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދިޔުން" ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވިއެވެ.
މި ތެޔޮ ބޯޓް އެ ސަރަހައްދުގައި ހަރަކާތްތެރިވިކަން ހާމަވީ ޖަޕާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ފެބްރުއަރީ 27 ވަނަ ދުވަހު އާންމުކުރި ލިޔުމަކުންނެވެ.
"ކޮރެއާއެކު ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ދިދަ ބޭނުންކޮށްގެން މަސައްކަތް އެބަ ކުރެވޭ. އުތުރު ކޮރެއާ އަކީ ބައިނަލްއަގްވާމީ މުޖުތަމައު އަށް ގޮންޖަހައިގެން އުޅޭ އެކަހެރި ގައުމެއް. އުތުރު ކޮރެއާ އަކީ ރަނގަޅު ގައުމެއް ކަމަށް އެއްވެސް ބަޔަކު ނުދެކޭ" ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުންޏެވެ.
ތެޔޮ ބޯޓްގެ މައްސަލާއާއި ގުޅިގެން ސަރުކާރުން ދަނީ އެކި މުއައްސަސާތައް މެދުވެރިކޮށް ބަޔާންތައް ނެރެމުންނެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތައް ބުނަމުންގެންދަނީ ސަރުކާރުން އެހެންކަންކަމުގައި އޮޅުވާލާ ފަދައިން މިކަމުގައިވެސް އޮޅުވާލާ ހަގީގަތް ފޮރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.