ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުންގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ މައްސަލައިގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު، ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.
KR Maumoon Abdul Qayyoom, Ma, Kin’bigasdhoshuge, Abdullah Saeedh, Alivaage, S. Meedhoo & Ali Hameed, Rehendhi 1, 06-B, fuluhunge thahgeegah beynunva hekinahthaali kamah thuhumathu kurevey massalaige thahgeegu ninmumahfahu dhauva kohdhinumah edhi PG offihah miadhu vany fonuvifai.
— Maldives Police (@PoliceMv) February 28, 2018
ފެބްރުއަރީ 26 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ 1 ފެބްރުއަރީގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތަހުގީގް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި ކުރީގެ ރައީސް މައޫމޫން އަބްދުލް ޤައްޔޫމާއި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ އިތުރުން ރައީސް މައުމޫނުގެ ދަނބިދަރިކަނލުން މުހައްމަދު ނަދީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތުދީގެން ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހްގީގް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރަށް ފަހު އަމިއްލަ މަސްލަހަތު އިސްކޮށް، ވަކި ގޮތަކަށް ޖުޑިޝަރީ ބައްޓަން ކުރަން މަސައްކަތްކޮށް، ގާޒީންނަށް ނުފޫޒު ފޯރުވައި، ތަހްގީގަށް ތަހްލީލް ކުރަމުންދިޔަ ހެކި އަނބުރާ އެތަކެތި ނިސްބަތްވާ ފަރާތްތަކަށް ރައްދު ކޮށްދިނުމަށް އަމުރު ނެރެފައިވާ ކަމަށާއި އަދި ބައެއް ފަރާތްތަކަށް މި ނުފޫޒުގެ ތެރެއިން ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާން ވިދާޅުވިއެވެ.