އއ. ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހަކު ހައްޔަރުކޮށްފިއެވެ.
އއ. ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް މޫސާ ވަނީ ރާއްޖެއެމްވީއަށް މިކަން ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވީ، އެ ހަތަރު ފުލުހުން ހައްޔަރުކޮށްގެން މިހާރު ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި 4 ފުލުހުންނަކީވެސް ކުރިން މާލޭގައި މަސައްކަތްކުރި ފުލުހުންނެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކުން ފެބްރުއަރީ 16 ވަނަ ދުވަހު ބޭއްވި 'ވޯމްއަޕް މުޒާހަރާ' އާއި ދިމާކޮށް، އެ ފުލުހުން ވަނީ ރަސްދޫއަށް ބަދަލުކޮށްފައެވެ.
ރަސްދޫއަށް ބަދަލުކުރުމަށްފަހު، މި ފުލުހުންގެ ފޯނު އަތުލައިގެން މާލެ ގެނެސްފައިވާއިރު، އޭގެ ފަހުން މީގެ ތެރެއިން 3 ފުލުހަކު ވަނީ އެ އަތޮޅުގެ އެހެން ރަށްތަކަށްވެސް ބަދަލުކޮށްފައެވެ. މި ބަދަލާއި އެކު ރަސްދޫގައި ބަހައްޓާފައިވަނީ އެ ރަށަށް ނިސްބަތްވާ ފުލުހެކެވެ.
މި ފުލުހުން ހައްޔަރުކޮށް، ފުލުހުންގެ ލޯންޗެއްގައި ހޯމަ ދުވަހު މާލެގެނެސްފައިވާއިރު، އެ ފުލުހުންނަށް ވަކީލުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ.
ރަސްދޫއިން ފުލުހުންތަކެއް ހައްޔަރުކޮށްފައިވާއިރު، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރިފަހުން ފުލުހުން ވަނީ އެހެން ބައެއް ފުލުހުންވެސް ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވާ އެހެން ފުލުހުންގެ ތެރޭގައި ފުލުހުންގެ ސްވޮޓް ޓީމުގެ ކުރީގެ ކޮމާންޑަރު ސައިފް ހުސެއިންވެސް ހިމެނޭއިރު، ފުލުހުންގެ ސްޕެޝަލް އޮޕަޜޭޝަންސްގެ އިތުރު ފުލުހުންވެސް ހިމެނެއެވެ.
ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެ ފުލުހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދިން ނަމަވެސް، ދެން ހައްޔަރުކުރި ފުލުހުންނާއި ގުޅިގެން ފުލުހުން އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.