ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ނަސޭހަތްތެރިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި މިވަގުތު އިއުލާން ކުރެވިފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ސިފައިންގެ މީހުންނާއި ބެހޭގޮތުން ސާބިތު ނުހިފޭ ވާހަކަ ހާމަކުރަމުންދާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ހިތުގައި ދިވެހި އަސްކަރިއްޔާއަށް އޮތް އިތުބާރު ގެއްލޭފަދަ ގޮތަށާއި، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭ ފަދަ ގޮތްގޮތަށް ވަކިވަކި ފަރުދުންނަށް ނިސްބަތްކޮށް އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތު ފަތުރަމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށާއި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އަދި ދިވެހި އަސްކަރިއްޔާގެ ސަފުތަކުގެ ބަދަހިކަން ގެއްލޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މި ބަޔާނުގައި ވަނީ ޤައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލާޒިމުކުރާ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގެ ލަޝްކަރު ބަދަހިކަންމަތީ އޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.