ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ސިޔާސީ ބޭނުމެއްގައި, ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ކަމަށް އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ކޯފީ އަނާން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތަކަކީ ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ މުއައްސާސާތަކަށް ދެއްވި ބީރައްޓެހި ހަމަލާއެއް ކަމަށެވެ. އަދި އެކަމާ ކަންބޮޑުވެލައްވާ ކަމަށްވެސް އަނާން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އިހުތިރާމް ނުކުރުމާއި ވަކި ވަކި ފަނޑިޔާރުންނަށް ބިރު ދެއްކުން ކޯފީ އަނާން ކުށްވެރިކުރައްވާފައެވެ. އަދި ސިޔާސީ ކުށްވެރިން މިނިވަން ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ފުރަތަމަ ނެރުނު އަމުރު ތަންފީޒު ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ކޯފީ އަނާން ގޮވާލެއްވިއެވެ.
"ގާނޫނީ ހުކޫމަތަށް ރުޖޫއަވެ، ސުޕްރީމް ކޯޓުގެ އިއްތިފާގުން ފުރަތަމަ ނެރުނު އަމުރަށް ކިޔަމަންވުމަށާއި، ސިޔާސީ ހުރިހާ ހައްޔަރީން މިނިވަން ކުރުމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އަޅުގަނޑު ދިވެހި ސަރުކާރަށް ގޮވާލަން"
މީގެ އިތުރުން ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށްޓަކައި ހަރުދަނާ މިނިވަން މުއައްސަސާތައް ކޮންމެހެން މުހިއްމު ކަމަށާއި ރާއްޖޭގެ ކަންތަކުގައި ބައިނަލް އަގުވާމީ މުޖުތަމައު ހިމޭނުން ތިބެގެން ނުވާނެ ކަމަށް ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
I urge the Government of the #Maldives to restore the rule of law by complying with the Supreme Court’s initial unanimous rulings, to release all political prisoners and lift the state of emergency. https://t.co/FR0SeVoW6Q pic.twitter.com/Uf2dYWB6h5
— Kofi Annan (@KofiAnnan) February 9, 2018
މި އަހަރުގެ ފަހުކޮޅުގައި ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެކަމުގެ ޔަގީންކަން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަލުން ކަށަވަރުކޮށްދޭން ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށާއި ވަރުގަދަ މިނިވަން މުއައްސަސާތަކެއް ހުރުމަކީ އެކަމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމަށް ކޯފީ އަނާން ވިދާޅުވިއެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމާއި ފަނޑިޔާރުން ބިރު ދެއްކުމުގެ އަމަލުތަކަކީ ގާނޫނީ ހުކޫމަތަށް ތަބާނުވުމާއި ޝަރުއީ ނިޒާމަށް އިހުތިރާމް ނުކުރުމުގެ އަމަލުތަކެއް ގޮތުގައި ކޯފީ އަނާން ވަނީ ސިފަކުރައްވާފައެވެ.