އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކޮށްފައި ތުހުމަތުތަކަކީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލުން ބުދަ ދުވަހުގެރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށްގެން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި އެ މަނިކުފާނު އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތުގެ އިތުރުން ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތެވެ.
ބުދަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިންގ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ގިނަ އަދަދެއްގެ ހެކިތަކާއި ހެކިބަސް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ބަލާފާސްކުރަމުންދާ ތަންތަނުން އިތުރު ހެކިތަކެއް ވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދޫނިދޫ ޖަލުގައި ބަންދު ކޮށްފައިވަނީ ސިޔާސީ ސަބަބުތަކަކަށްޓަކައި ގާނޫނު އަސާސާއާއި ހިލާފަށް ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ވަކީލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.