ސިވިލް ސަރވިސް މުވައްޒަފުންގެ އިނާޔަތްތައް އިތުރު ކޮށްފިއެވެ.
ސިވިލް ސަރވިސް ކޮމިޝަން އިން ބުދަ ދުވަހު ނެރުނު ސަރކިއުލަރއެއްގައި ވަނީ ސިވިލް ސާރވިސްގެ މުއައްސަސާތަކަކީ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ އިދާރާތަކަށް ހެދުމަށްޓަކައި އެ އިދާރާތަކުގެ މުވައްޒަފުން ހިދުމަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން އިތުރު އިނާޔަތްތައް ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ޓެކްނިކަލް ކޯ އެލަވަންސް ކަނޑައެޅޭ މަގާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަނޑައަޅާފައިވާ މުވައްޒަފުންނަށް އަސާސީ މުސާރައިގެ 28 ޕަސަންޓް ދިނުމަށް ހަމަޖެހިފައިވާއިރު ސަޕޯޓް ސަރވިސްގެ އެސްއެސް ރޭންކުތަކުގައި ތިބޭ މުވައްޒަފުންނަށް 1200 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މި ދެ ރޭންކުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން އެ އެލަވަންސްތަކަށް ޝަރުތު ހަމަނުވާ މުވައްޒަފުންނަށް ވަނީ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ނަމުގައި އެލަވަންސެއް ހަމަޖައްސާފައެވެ.
ސަޕޯޓިންގ ކޯ އެލަވަންސް 2 ލިބޭ މުވައްޒަފުން:
- ޑިރެކްޓަރ ޖެނެރަލް 1500ރ
- ޑިޕިއުޓީ ޑިރެކްޓަރ ޖެނެރަލް 1300ރ
- ޑިރެކްޓަރ، އެގްޒެކްޓިވް، މެނޭޖަރ 1100ރ
- ޑެޕިއުޓީ ޑިރެކްޓަރ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 900ރ
- ސީނިއަރ އޮފިސަރ ގްރޭޑް 2، ޓެކްނިކަލް އޮފިސަރ 2، 900ރ
- ސީނިއަރ އޮފިސަރ ގްރޭޑް 1، ޓެކްނިކަލް އޮފިސަރ ގްރޭޑް 1، 700ރ
- އޮފިސަރ ގްރޭޑް 2، އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2، 700ރ
- އެސިސްޓަންޓް އޮފިސަރ ގްރޭޑް 2، 700ރ
- އެސިސްޓަންޓް އޮފިސަރ ގްރޭޑް 1، 700ރ
ސަރކިއުލަރގައި ބުނެފައިވަނީ އެލަވަންސްތައް އިސްތިސްނާވާ މުވައްޒަފުންނަކީ 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވަޒީފާގެ ހާއްސަ އޮނިގަނޑެއް އެކުލަވާލައި މުސާރަ އާއި އިނާޔަތްތައް ބަދަލު ގެނެސްފައިވާ މަގާމުތަކުގައި ތިބި މުވައްޒަފުންނާއި ސިވިލް ސަރވިސްގެ ކޮންޓްރެކްޓް މުވައްޒަފުން އަދި ސިވިލް ސަރވިސް ZV7 ރޭންކުގައި ތިބި މުވައްޒަފުންނެވެ.