ބައިނަލްއަގްވާމީ ފަރާތްތަކުން ރާއްޖޭގެ ހާލަތު ދެނެގަތުމަށްޓަކައި ރާއްޖެ އައުމަށް ސަރުކާރުން ދައުވަތު ދީފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިގެންދިޔަ ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް މިނިވަން ކަމާއެކީ އުޅުމަށް ހުރަހެއް ނެތް ކަމަށާއި ރާއްޖޭގެ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކަށާއި ވިޔަފާރީތަކަށް މިކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ބައިނަލްއަގްވާމީ ފަރާތްތަކަށް އަރުވާ ކަމަށެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ހަމައެކަނި ރިއާޔަތް ކުރެވިފައިވަނީ ރާއްޖޭގެ ދާހިލީ ގިނަ ކަންތައްތަކަށް އެކަނި ކަމަށެވެ. އަދި ރާއްޖޭގެ ރިސޯޓުތަކަށާއި ފަތުރުވެރިން ޒިޔާރަތްކުރާ ރަށްތަކަށާއި މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާ އަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުން ވަނީ މި ގައުމުގެ ތަރައްގީގެ ބައިވެރިންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ރާއްޖެ އައިސް ގައުމުގެ ހާލަތު އަމިއްލައަށް ބަލާލުމަށް ދައުވަތު އަރުވާފައެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވީ ނަމަވެސް ރާއްޖޭގައި ކަންތައްތައް ހިނގަމުންދަނީ ވަރަށް އަމާންކަމާއި އޮމާންކަމާއެކު ކަމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ޔަގީންކަންދޭން މި ބަޔާނުގައި ވަނީ މަސައްކަތް ކޮށްދީފައެވެ.