ޕޮލިހުންނަށް ހުށަހެޅިފައިވާ ރިޝްވަތުގެ މައްސަލައަކާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސެއިން ހައްޔަރުކުރުމަށްޓަކައި ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާދިއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހޯދި ހޯދުމުން މާލޭގައި އިމާރާތް ކޮށްފައިވާ ކޮމާރޝަލް ހައުސިންގ އެޕާޓްމަންޓް ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުން ފްލެޓެއް ގަތުމަށް ދާދި ފަހުން ހަސަން ސައީދު ހުސެއިން ކޮށްފައިވާ މުއާމަލާތެއްގެ ކިތާބީ ހެކި ހިމެނޭގޮތުން، ރިޝްވަތުގެ މުއާމަލާތެއްގައި ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލާގައި ބެލިބެލުމުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅުންވެސް ފްލެޓްތައް ބައްލަވައިގަތުމަށްޓަކައި މުއާމަލާތް ކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ މައްސަލާގެ މައުލޫމާތު އިތުރަށް ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ މިއަދު ހެނދުނު ހަސަން ސައީދު ހުސެއިން ދިރުއުޅުއްވާ ގެ ހ. ނިޝާން ޕްލާޒާގެ ދޮރު ހަލާކުކޮށްލުމަށް ފަހު އެ ގެ ބަލާ ފާސްކޮށްފައެވެ.