ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ޖުމުލަ ނުވަ ބޭފުޅަކު މިނިވަން ކުރަން ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި އަމުރުގެ ބާރު ދެމެހެއްޓުމަށާއި، އެ އަމުރު ތަންފީޒުކުރުން ލަސްވެގެން ދިޔަ ނުދިއުމަށްޓަކައި، ޖަލަށް ހުކުމްކޮށްފައިވާ ބޭފުޅުންގެ ފަރާތުން ހުށަހެޅުއްވި ހެބިއަސް ކޯޕަސްގެ މައްސަލަ ކްރިމިނަލް ކޯޓަށް ބަލައި ނުގަތުމަށް ނިންމައިފި އެވެ.
ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު، ކުރީގެ ޕީޖީ މުހްތާޒު މުހްސިނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ގާޒީ އަހުމަދު ނިހާން، އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލެވެ.
މި ބޭފުޅުން މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރުން ރައީސް އަބްދުﷲ ޔާމީން ދިގުދަންމަމުންދާތީވެ، އެ ބޭފުޅުން އެބޭފުޅުންގެ ގާނޫނީ ވަކީލުން ކްރިމިނަލް ކޯޓަށް ހޭބިއަސް ކޯޕަސްގެ މައްސަލައެއް ހުށަހެޅުއްވީ ހުކުރު ދުވަހު އެވެ.
ހޭބިއަސް ކޯޕަސްގެ މައްސަލައަކީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހުށަހަޅާ މައްސަލަތަކެވެ.
ހެބިއަސް ކޯޕަސްގެ މައްސަލަތައް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ މުހައްމަދު އިބްރާހިމް ނިންމެވި ލިޔުމުގައި ބުނެފައި ވަނީ، މައްސަލައިގައި ބަޔާންކުރާ ބޭފުޅުންގެ މައްސަލަތަކާ ގުޅޭ ގޮތުން އިސްތިއުނާފީ މަރުހަލާގެ އެންމެ މަތީ ކޯޓުން ނިންމުމެއް ނިންމާފައިވާތީ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ފާހަގަ ކުރައްވާފައި އެވަނީ ސުޕްރީމް ކޯޓުން ސިޔާސީ ބޭފުޅުން މިނިވަންކުރަން ކުރި އަމުރުގެ ވާހަކަ އެވެ.
އެހެންވެ، ހޭބިއަސް ކޯޕަސްގެ މައްސަލަ އެ ކޯޓަށް ބަލައިގަތުމަކީ، ކޯޓުތަކުގެ ގާނޫނުގައި ކަނޑައަޅައި ތަންޒީމްކޮށްފައިވާ ރާއްޖޭގެ ކޯޓުތައް ބެހިގެންވާގޮތާއި ތަރުތީބާއި އެއްގޮތްވެގެންވާ ކަމެއް ކަމަށް ނުވާ ކަމެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ ދަށުން އެ ކޯޓަށް ލިބިގެންވާ ދިވެހި ދައުލަތުގެ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ނިންމާފައިވާ ނިންމުމަކަށްވީހިނދު، އެ ނިންމުމުގައި ކަނޑައެޅިފައިވާ އެއްވެސް ކަމަކާ ގުޅިގެން ބަހުސްކުރުމަށް ފުރުސަތު ހުޅުވައިދިނުމަކީ ފުރަތަމަ މަރުހަލާގެ ކޯޓަކުން ކުރުން ސައްހަ ވެގެންވާ ކަމެއް ނޫން ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ. އަދި އެފަދަ އަމަލެއް ކުރުމަކީ ސުޕްރީމް ކޯޓުން މިހާރު ނިންމާފައިވާ ނިންމުން ތަންފީޒުކުރުން ލަސްވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.
އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހޭބިއަސް ކޯޕަސް ރިޓަކަށް އެދުމާއި އެފަދަ ހުށަހެޅުމަކާ ގުޅިގެން ބަޔާންކޮށްފައިވާ އަހްކާމްތަކަށް ބަލާއިރު އެފަދަ ހުށަހެޅުމެއް ކޯޓަކަށް ބަލައިގަނެ ކުރިއަށް ގެންދެވޭނީ އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށްތޯ ނުވަތަ ނޫންތޯ ބަހުސްކުރުމަށް ފުރުސަތެއް އޮންނަ މައްސަލަތަކަށް ކަމަށް ކޯޓުން ބުނެ އެވެ. ސިޔާސީ ލީޑަރުންގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެފަދަސުވާލެއް އުފެދޭ ކަމެއް ނެތް ކަމަށް ކޯޓްގެ ނިންމުމުގައިވެ އެވެ.