އިދިކޮޅު ޕާޓީތަކުގެ މެމްބަރުން މާލޭ ޖަލު ސަރަހައްދުގައި އިހްތިޖާޖުކުރަމުން ދަނިކޮށް، އެ ސަރަހައްދުން ދުރުކުރުމުން ޕީޖީ އޮފީހުގެ ކުރިމަތީގައި އިހްތިޖާޖުކޮށްފި އެވެ.
ހުކުރު ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ޕީޖީ އޮފިސް ކައިރިއަށް ޖަމާވީ، މާލޭ ޖަލު ކައިރިން ދުރަށް ޖެއްސުމުންނެވެ. ޕީޖީ އޮފިސް ކައިރިން މީހުން ދުރުކުރުމަށް ޕެޕަ ސްޕްރޭ ޖެހި އެވެ. އަދި އެ ސަރަހައްދުގެ މަންޒަރުތައް ދެއްކުމަށް ހުރަސް އެޅުމަށްޓަކައި ނޫސްވެރިންނާއި ކެމެރާމަނުން ތަކުރާރުކޮށް ދިޔައީ ދުރަށް ޖައްސަމުންނެވެ.
"އަޅުގަނޑުމެންނަށް ހުރަސް އެޅި ފުލުހުން މަސައްކަތް ކުރަމުން ދިޔައީ މޫނު ނުފެންނަ ގޮތަށް، އިސް ޖަހާލައިގެން،" ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ވިދާޅުވި އެވެ.
އެ ސަރަހައްދުން ހުސައިން ދުރުކުރުމަށްޓަކައި ފުލުހުން އޭނާ ވައްޓާލި މަންޒަރު ފެނުނެވެ. ހުސައިންގެ އިތުރުން ރާއްޖެ ޓީވީގެ ފޮޓޯގްރާފަރު މުހައްމަދު ޝަރިހާންގެ މޫނަށް ޕެޕަ ސްޕްރޭ ޖެހިއިރު، އެއްވުން ކަވަރުކުރަމުން ދިޔަ ސަން އޮންލައިންގެ ނޫސްވެރިޔަކަށް ފުލުހުން މުގުރުން ހަމަލާ ދިނެވެ.
ޕީޖީ އޮފީސް ދޮރުމަތީގައި އިހްތިޖާޖުކުރަމުން ދިޔައިރު، އެ ސަރަހައްދުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.