ސުޕްރީމް ކޯޓުން ސިޔާސީ އެކި ސަބަބުތަކަށްޓަކައި ބަންދުގައި ތިބި މީހުން ދޫކޮށްލަން ހުކުމް ކުރުމުންވެސް އެ މީހުން ދޫކޮށްފައިނުވާތީ ހޭބިއަސް ކޯޕަސް އަމުރަކަށް އެދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ބަންދުގައި ތިބި މީހުން ކްރިމިންލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ވެސް އެދިވަޑައިގަތް ކަމަށެވެ.
މީގެ އިތުރުން ޝަމީމް ވިދާޅުވީ ޝަރީއަތުގެ ބޭރުން ފަނޑިޔާރުންނާއި މަޝްވަރާ ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށާއި ސަރުކާރުން ސުޕްރީމް ކޯޓާއި މަޝްވަރާ ކުރުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ.
ހޭބިއަސް ކޯޕަސް އަކީ ބަންދުގައި ހުންނަ މީހަކު ގާޒީއެއްގެ ކުރިފުޅު މައްޗަށް ހާޒިރު ކުރުމަށް ނެރޭ އަމުރެކެވެ. އާންމުކޮށް މި އަމުރު ނެރެނީ ބަންދުގައި ހުރި މީހާ، ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނީ ސަބަބުތަކެއް ނެތްނަމަ އެ މީހަކު ދޫކޮށްލުމަށެވެ.