ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކުރުމަށް ބާރުއެޅުމަށް ބޭއްވި އެއްވުމުގައި ވަރަށް އަނިޔާވެރި ގޮތެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި ރައީސް މުހައްމަދު ނަޝީދާއެކު ޖުމުލަ ނުވަ ބޭފުޅަކު މިނިވަން ކުރަން ސުޕްރީމް ކޯޓުން ކުރި އަމުރު ރައީސް އަބްދުﷲ ޔާމީން ތަންފީޒުކުރުމަށް ދެކޮޅު ހައްދަވަމުން ގެންދަވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ހުކުރު ދުވަހު ހަވީރު އެމްޑީޕީ ޖަގަހަ ކުރިމަތީގައި ވަނީ އިހްތިޖާޖުކޮށްފަ އެވެ.
ބާރުގެ ބޭނުންކޮށް، އަނިޔާވެރި ގޮތަކަށް ދެ މީހުން ހައްޔަރުކުރިއިރު، އެ މީހުން ސަލާމަތްކުރުމަށްޓަކައި ވެސް ބައެއް މީހުން މަސައްކަތްކުރި އެވެ. އެ ދެ މީހުން ހައްޔަރުކުރުމުގެ ތެރޭގައި ވަރަށް ބޮޑަށް އަނިޔާކުރަމުން ދިޔަ މަންޒަރު ފެނެ އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެކޮޅު ހެދުމުން އެކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.