އީޕީއެސް ސުކޫލްގެ ރަންޔޫބީލް ފާހަގަކުރުމާ ގުޅޭ ގޮތުން މާދަމާ ރޭ 8:30 ގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ބާއްވާ ހާއްސަ ބައްދަލުވުމުގައި ވީހާ ވެސް ގިނަ އިސް ދަރިވަރުން ބައިވެރިވުމަށް އެކަން އިންތިޒާމްކުރާ ފަރާތުން އެދިއްޖެއެވެ.
ބުދަ ދުވަހު ބިލަބޮންގް ސުކޫލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަގުތީ އެޑްވައިޒަރީ ކޮމިޓީގެ ޗެއާމަން ޑރ. ޝަމީމް ވިދާޅުވީ ހުރިހާ އިސް ދަރިވަރުން ޖަލްސާގައި ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދިވަޑަގަންނަވާ ކަމެއް ކަމަށާއި މަދަމާ ރޭގެ ޖަލްސާގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.
"އީޕީއެސް ސުކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަރަކާތްތައް އިފްތިތާހް ކުރުމަށް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ، 1 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހު ބިލަބޮންގް ހައި އީޕީއެސް އިންޓަރނޭޝަނަލް ސުކޫލް ހޯލްގައި. އަދި މާދަމާރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި" ޝަމީމް ވިދާޅުވިއެވެ.
އީޕީއެސް ސްކޫލްގެ ނަން އުވިގެން ދިޔަނުދިނުމަށް ހާއްސަ ކެމްޕެއިނެއް ލޯންޗުކުރާނެ ކަމަށާއި އީޕީއެސް ސުކޫލްގެ އާ ވެބްސައިޓެއް ވެސް ލޯންޗުކުރާނެ ކަމަށް ވަގުތީ އެޑްވަޒަރީ ކޮމެޓީން ބުންޏެވެ.
މީގެ އިތުރުން ޖަލްސާގައި ރަންޔޫބީލް ފާހަގަކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި މަޝްވަރާ ކުރުން އޮންނާނެ ކަމަށް ވެސް އެ ކޮމެޓީން ވަނީ ބުނެފައެވެ.
އީޕީއެސް ސްކޫލް ހުޅުވާފައިވަނީ 21 ޖޫން 1968 ގައި ބޮޑު ފެންވަޅުގޭގައެވެ. އޭރު ސުކޫލް ހުޅުވުމުގެ އެންމެ ބޮޑު މަގުސަދަކަށް ވެފައި އޮތީ އަތޮޅުތަކުން މާލެ އަންނަ ކުދިންނަށް ތައުލީމީ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ. އޭގެ ފަހުން އީޕީއެސް ސްކޫލް ހިންގަމުން އައި އިމާރާތުގައި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ހިންގަން ހަވާލުކުރީ 2008 ވަނަ އަހަރުއެވެ. އެތަން 10 އަހަރަށް ހިންގުމަށް ހަވާލުކުރީ އީޕީއެސްގެ ނަން ވެސް ހިމެނޭ ގޮތަށެވެ. އެ މުއްދަތަށް ފަހު ވެސް އީޕީއެސްގެ ނަން އެގޮތުގައި ދެމެހެއްޓުމަށް ވެސް ވަގުތީ އެޑްވައިޒަރީ ކޮމިޓީން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.