އެއް ބިލަކަށް ދެ ފަހަރަށް ހައުސިންގ މިނިސްޓްރީން ފައިސާ ދެއްކިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުން ބުދަ ދުވަހު އާންމުކުރި އޮޑިޓް ރިޕޯޓުގައިވާ ގޮތުން ހައުސިންގ މިނިސްޓްރީން ދެ ފަހަރަށް ފައިސާ ދައްކާފައި ވަނީ 2006 ވަނަ އަހަރު ސައުދީ ފަންޑް ފޯ ޑިވަލޮޕްމަންޓް (ފަންޑް) ގެ ލޯނު އެހީގެ ދަށުން ގއ. ދާންދޫގައި އިމާރާތް ކުރެވުނު 87 ހައުންސިންގ ޔުނިޓްގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އަށެވެ.
މި ގޮތަށް ދިމާވެފައިވަނީ އެމް.ޓީ.ސީ.ސީ އިން ހުށަހެޅި ބިލުގައިވާ ޖުމްލަ އަދަދު ތިން މިލިއަން ހަތް ސަތޭކަ އަށާވީސް ހާސް ފަސް ސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ހޯދުމަށް ހައުސިންގ މިނިސްޓްރީ އަށް ހުށަހެޅުމުން މިނިސްޓްރީގެ 2015 ވަނަ އަހަރުގެ ބަޖެޓުގައި އެ ބިލަށް ފައިސާ ދައްކާފައިވަނިކޮށް 15 ފެބްރުއަރީ 2015 ގައި އެމް.ޓީ.ސީ.ސީ އިން ފިނޭންސް މިނިސްޓްރީ އަށް ބިލް ހުށަހެޅުމުން އެ މިނިސްޓްރީގެ ހާއްސަ ބަޖެޓުން ބިލަށް ފައިސާ ދައްކާފައިވަނިކޮށް ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ވަނީ އެ ފައިސާ އަނބުރާ ހޯދުމަށް ފަހު ދައުލަތުގެ މާލިއްޔާ އަށް ޖަމާކުރުމަށް އަންގާފައެވެ. އަދި ދައުލަތުގެ އޮފީސްތަކުގެ މުވައްޒަފުންގެ އިހުމާލުން އެ މުވައްޒަފަކު ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ޒިންމާ އުފުލަންޖެހޭނެ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.