ޓާޓާ ފްލެޓްތަކަށް ހޮވި، ފައިސާ ނުދެއްކުނު ފަރާތްތަކަށް ހުޅުމާލޭގައި ސަރުކާރުން ހިންގާ ގެދޮރުވެރި ކުރުމުގެ މަޝްރޫގެ ދަށުން ސަރުކާރުން ފްލެޓް ދިނުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކުން މެދުކަނޑާލާފައި އޮތުމަށް ފަހު، އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ގަތުމުގެ ފުރުސަތު މިއަދު ވަނީ އަނެއްކާ ވެސް ހުޅުވާލާފައެވެ.
ޓާޓާ ފްލެޓްތައް ވިއްކުން މެދުކަނޑާލުމަށް ފަހު އަލުން އެ ފްލެޓްތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕޯޓަލްއެއް މެދުވެރިކޮށް ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވާލި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކުރިކަމުގައި ވިޔަސް އެ ޕޯޓަލް އަށް ނުވަދެވުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
އަރަބިއްޔާ ހުރި ބިމާއި ގާކޮށީ އިމާރާތް ކޮށްފައިވާ ފްލެޓްތައް ގަތުމަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން މީގެ ކުރިން ވެސް އިއުލާން ކުރިއެވެ. އެހެން ނަމަވެސް ފްލެޓް ވިއްކުން މަޑުޖައްސާލީ ފްލެޓްތައް ގަތުމަށް ރައްޔިތުން ކިއު ހެދުމަކީ ސަރުކާރުން ގަބޫލު ކުރާ ކަމެއް ނޫން ކަމަށާއި އެހެންކަމުން ފްލެޓްތައް ގަތުމަށް ފަސޭހަ ގޮތެއް ހަމެޖެއްސެންދެން އެ ފްލެޓްތައް ވިއްކުން މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެއެވެ.