ވިލާ ހޮޓެލްސް އިން ހިންގާ ރިސޯޓުތައް ހުއްޓުމުކަށް އައިސްދާނެ ކަމުގެ އިންޒާރު ސަރުކާރުން އެ ކުންފުންޏާއެކު މަސައްކަތް ކުރަމުންދާ ޓުއަރ އޮޕަރޭޓަރުންނަށް ދީފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ޖެނުއަރީ 30 ވަނަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ވިލާ ކުންފުންޏަށް ވަގުތީ ލައިސަންސެއް ދިނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ހުރުމުން ކަމަށާއި އެ ފައިސާ ދެއްކުމަށް ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ކުންފުނީގެ އެ ނިޔަތެއް ނެތް ކަން ހާމަވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ވިލާ ކުންފުނިން ދަނީ ގާނޫނުތަކާއި ކަމާބެހޭ އިދާރާތަކަށް ގޮންޖަހަމުން ކަމަށާއި އެ ރިސޯޓުތަކުގައި ތިބޭ މުވައްޒަފުން ލައްވައި ފަތުރުވެރިންނަށް ފެންނަ ގޮތަށް މުޒާހަރާތައް ކުރަމުން ކަމަށްވެސް ބަޔާނުގައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުން ކުރިމަގުގައި ވިލާ ރިސޯޓުތަކަށް އިތުރު ލުއިތަކެއް ނުދޭނެ ކަމަށާއި ރާ ވިއްކަން މިހާރު ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ނުދޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މި ބަޔާނުގައި ޓޫރިޒަމް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ވިލާ ކުންފުނިން ފައިސާ ނުދައްކައިގެން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެކި މައްސަލަތައް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ވިލާ ޝިޕިންގ އެންޑް ޓްރޭޑިން ކޮމްޕެނީ އިން ކުރިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ޗެއަރމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ދައުލަތަށް ދައްކަންޖެހޭ ކަމަށް ސަރުކާރުން ބުނާ ފައިސާ އަކީ ސަރުކާރުން އަމިއްލައަށް ކަނޑައަޅައިގެން، މީރާ މެދުވެރިކޮށް ހޯދުމަށް މަސައްކަތްކުރާ ފައިސާއެއް ކަމަށެވެ.