ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 05:01
ޑެލް ކުންފުނީގެ ވެރިޔާ މައިކަލް ޑެލް (ކ)
ޑެލް ކުންފުނީގެ ވެރިޔާ މައިކަލް ޑެލް (ކ)
ބިޒްނަސް އިންސައިޑަރ
ޑެލް ކުންފުނި
އަމިއްލަ ސަބްސިޑަރީއަކަށް ޑެލް ކުންފުނި ވިއްކާލަނީ!
ރިވަރސް މާޖަރއެއްގައި ޑެލް ވިއްކާލަނީ އެކުންފުނީގެ ސަބްސިޑަރީ ކުންފުނި ވީއެމް ވެއަރއަށް

ކޮމްޕިއުޓަރާއި އެއާއި ގުޅޭ ސާމާނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ޑެލް ކުންފުނި، އެކުންފުނީގެ އަމިއްލަ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ ވީއެމް ވެއަރއަށް ވިއްކާލަން ނިންމައިފިއެވެ.

އާދަޔާ ޚިލާފު ވިޔަފާރީގެ މި މުއާމަލާތުގެ ސަބަބުން ޑެލް ކުންފުނި އަނެއްކާވެސް ޕަބްލިކް ކުންފުންޏަކަށް ބަދަލުވެގެންދާނެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ޓެކްނޮލޮޖީގެ މައި ކުންފުންޏަކުން 'ރިވާރސް މާޖަރ'އެއް ހަދާ ފުރަތަމަ ފަހަރެވެ.

ވީއެމް ވެއަރއަކީ ސޮފްޓްވެއަރ ވަރޗުއަލައިޒޭޝަން ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ. ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ މިކުންފުނީގެ 80 އިންސައްތަ ކޮންޓްރޯލް ކުރަނީ ޑެލް ކުންފުނިންނެވެ. ޑެލް ކުންފުނިން ވީއެމް ވެއަރ ގަނެފައިވަނީ އެކުންފުނިން 2015ވަނަ އަހަރު 67 ބިލިއަން ޑޮލަރަށް އީއެމްސީ ކުންފުނި ގަތުމުގެ ޑީލްގެ ތެރެއިންނެވެ.

ކުންފުނީގެ އަމިއްލަ ސަބްސިޑަރީއަކަށް ޑެލް ކުންފުނި ވިއްކާލުމުން، ވީއެމް ވެއަރއަކީ ޕަބްލިކް ކުންފުންޏެއްކަމުން ޑެލް ކުންފުނިވެސް ޕަބްލިކް ކުންފުންޏަކަށް ވެގެންދާނެއެވެ. ވީއެމް ވެއަރ އިން ޑެލް ގަންނާނީ ކިހާ ވަރަކަށް ކަމެއް އަދި ހާމަކޮށްފައި ނުވިނަމަވެސް، ޑެލް ކުންފުނިން އީއެމްސީއަށް ގަންނަން ޚަރަދުކުރި 67 ބިލިއަން ޑޮލަރަށްވުރެ މަތީ އަގެއް ކިޔަން ޖެހޭނެކަމަށް ވިޔަފާރީގެ މާހިރުން ބުނެއެވެ.

ވީއެމް ވެއަރއިން އެކުންފުނީންގެ ބެލެނިވެރި ކުންފުނި ޑެލް ގަންނަ ވާހަކަތައް ފެތުރުމާއިއެކު އެކުންފުނީގެ ހިއްސާގެ އަގު ވަނީ ހުކުރު ދުވަހު 20 އިންސައްތަ މައްޗަށް ޖެހިލާފައެވެ.

ޑެލް ކުންފުންޏަކީ މީގެ ކުރިންވެސް ހިއްސާގެ ބާޒާރުގައި ލިސްޓްކުރި ކުންފުންޏެކެވެ. އެހެންނަމަވެސް އެކުންފުނި ޕްރައިވެޓް ކުރުމަށް ޑެލްގެ ވެރިޔާ މައިކަލް ޑެލް ނިންމަވައި، 2013ވަނަ އަހަރު އިންވެސްޓްމަންޓް ކުންފުނި ސިލްވަރ ލޭކްގެ އެހީއާއިއެކު ހިއްސާގެ ބާޒާރުން ޑެލް ނެރެ، ކުންފުނި އަމިއްލަކުރިއެވެ.

ވީއެމް ވެއަރއިން ޑެލް ގަތުމުން ވީއެމް ވެއަރގެ ހިއްސާގެ ބޮޑު ބައެއް ބަހާލާނީ ޑެލް ކުންފުންޏާއި ސިލްވަރ ލޭކްއާއި ދެމެދުއެވެ.

- ކޮމެންޓް