ރާއްޖޭގައި ގާނޫނު ނެގެހެއްޓުމާއި ސިޔާސީ ހަމަހަމަކަންވަނީ ނުރައްކަލެއްގެ ތެރޭގައި ކަމަށް އެމެރިކާ އިން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެއެވެ.
ސަފީރު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ޖަލުގައި 191 ދުވަސް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއްކާ ވެސް ފަތިހުގެ ވަގުތެއްގައި ފާރިސް ހައްޔަރުކުރުމަށާއި ގެ ބަލައި ފާސްކުރުމަށް އަމުރެއް ނެރުމުން ދޭހަވަނީ ރާއްޖޭގައި ގާނޫނު ނެގެހެއްޓުމާއި ސިޔާސީ ހަމަހަމަކަން ނުރައްކަލެއްގެ ތެރޭގައިވުން ކަމަށެވެ.
A 4am warrant issued by a judge with less than a week’s tenure on the bench to search for evidence and arrest an elected Member of Parliament who had just been released after 191 days in jail suggests due process of law and fair play in politics remain under threat in #Maldives. https://t.co/hQw4d8ys0d
— Atul Keshap (@USAmbKeshap) January 27, 2018
ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ ހަ މަސް ފަހުން ބުރާސްފަތި ދުވަހު ކޯޓުން މިނިވަންކުރި ފާރިސް އަލުން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހްމަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވިކަމުގެ ތުހްމަތުގައެވެ.
ފާރިސްގެ އެޕާޓްމެންޓް ބަލައި ފާސްކުރުމަށް ނެރެފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާއި ގުޅިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާއި ހިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
މީގެ އިތުރުން ފާރިސްގެ ބަލައި ފާސްކުރުމުގެ އިތުރުން ފާރިސްގެ މޯބައިލް ފޯނާއި ސިމްކާޑާއި މެމޮރީ ކާޑާއި އެ ތަކެތީގައިވާ ހުރިހާ މައުލޫމާތާއި ފޯނުން ކޮށްފައިވާ އެންމެހާ މުއާމަލާތްތަކުގެ ތަފްސީލާއި ފޯން ކޯލްތަކާއި މެސެޖްތައް ހޯދުމަށް ކޯޓް އަމުރެއް ވެސް ފުލުހުން ވަނީ ހޯދައިފައެވެ.