ކިތަންމެ ދިގު މުއްދަތަކަށް ޖަލަށް ލިޔަސް މެމްބަރުންގެ ހިތްވަރާއި އަޒުމް ގުޑުވައި ނެލެވޭނެ ކަމަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ދޫކޮށްލުމުން އެކަމަށް މަރުހަބާ ދަންނަވަމުން ނާޒިމް ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިއްގަރު ދާއިރާގެ ރައްޔިތުންނަކީ ހައްގުގެ މަގުގައި ހައްގު ބަސް ބުނާ މެމްބަރުން ހޮވާ ބަޔެއް ކަމަށެވެ. އަދި 25 އަހަރަށް ޖަލަށް ލިޔަސް ހަ މަސް ދުވަހަށް ޖަލަށް ލިޔަސް އެ މެމްބަރުންގެ ހިތްވަރާއި އަޒުމް ގުޑުވާނުލެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމްގެ ޓުވީޓުގައި ވިދާޅުވީ ހައްގަށް ނަސްރު ލިބޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
Welcome back, brother. Dhiggaru Dhaairaa ge rayyithunnakee haqqu ge magu gai haqqu bas bunaa MP in hovaa bayeh. 25 aharah jalah liyas , 6 mas ddhuvahah jalah liyas e MP in ge hiyvaraa azum guduvaeh nuleveyne.. Haqqah nasru libeyne. Keep up the good work.
— Ahmed Nazim (@MP4Dhiggaru) January 25, 2018
ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސްބޭފުޅާގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ނާޒިމް، 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ކޮރަޕްޝަނުގެ މައްސަލައެއްގައި 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
ނާޒިމް ޖަލަށްލުމަށް ކުރި ހުކުމުގައި ވަނީ މަކަރާއި ހީލަތް ހަދައިގެން 15000 ދިވެހި ދިދަ ގަތުމަށް އާންމުކޮށް ހުޅުވާލުމުން ބިޑް ކާމިޔާބުކޮށް ހީލަތްތެރި ގޮތެއްގައި ހޯދި 1.4 މިލިއަން ރުފިޔާގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ނާޒިމްގެ ހިއްސާ އޮންނަ ނަމިރާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ފައިސާ ޖަމާކުރި ޗެކް ތަކުގައި ސޮއިކޮށްފައި ވަނީވެސް ނާޒިމް ކަމަށް ހުކުމްގައި ވެއެވެ.