ރާއްޖެޓީވީގެ މުވައްޒަފުންނަށް އިންޝުއަރެންސް ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސިލިންކޯ އިންޝުއަރެންސްއާ އެކު ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެޓީވީގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސަލީމެވެ. އަދި ސިލިންކޯ އިންޝުއަރެންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަޝޯކާ ބަންދަރާއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަޝޯކާ ވިދާޅުވީ މި ފުރުސަތު އެ ކުންފުންޏަށް ލިބުމުން އުފާކުރައްވާ ކަމަށާއި ރާއްޖޭގައި އެކުންފުނިން އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަތާ 20 އަހަރުވެފައިވާ ކަމަށެވެ.
ރާއްޖެޓީވީގެ ފަރާތުން ބުނީ ރާއްޖެޓީވީގެ ނޫސްވެރިންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއް ކަމަށާއި ރާއްޖޭގެ ހާލަތު އޮތް ގޮތުން ރައްކާތެރިކަން ބޭނުންވާ ބަޔަކަށް ވާތީ ސިއްހީ ގޮތުން ރާއްޖެޓީވީގެ ނޫސްވެރިންނަށް އިންޝުއަރެންސް ޕޮލިސީ މެދުވެރިކޮށް ފަސޭހަކަމާ އެކު ރާއްޖެ އާއި ރާއްޖެއިން ބޭރުން ސިއްހީ ފަރުވާ ލިބޭނެ ގޮތް ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކޮންމެ މުވައްޒަފަކަށް ވެސް މި އިންޝުއަރެންސް ޕޮލިސީގައި ބައިވެރިވެވޭނެ ކަމަށް ރާއްޖެޓީވީ އިން ބުންޏެވެ.
ސިލިންކޯ އިން ވަނީ ރާއްޖެޓީވީގެ މުވައްޒަފުންނަށް މި އިންޝުއަރެންސް ޕޮލިސީގެ ދަށުން ފުލް ހެލްތު އިންޝުއަރެންސް ޕޮލިސީ ލިބޭނެ ގޮތް ހަމަޖައްސައިދީފައެވެ. އަދި ރާއްޖެޓީވީ އިން ވަނީ މުވައްޒަފުންނެކޭ އެއްގޮތަށް މުވައްޒަފުންގެ ޑިޕެންޑެންޓުން ވެސް މި ޕޮލިސީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މުވައްޒަފުންގެ އަނބިދަރިންނާއި މައިބަފައިން ވެސް މި ޕޮލިސީގައި ބައިވެރިކުރުމުގެ ފުރުސަތު ލިބެއެވެ.