ޕީޕީއެމް ހަލާކު ކޮށްލެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކަމަށް ރައީސް މައުމޫން ފެކްޝަންގެ ކުރީގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ތުހުމަތު ކުރައްވައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް ޖަނަވަރީ މަގުގައި ހުޅުއްވި ކެމްޕެއިން އޮފީހުގެ މަސައްކަތް ހުއްޓުވުމަށްޓަކައި ވެސް ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެސިސްޓަންޓް ރެޖިސްޓްރާ ހިޔަލީ މުހައްމަދު ރަޝީދު ގެންދަވައިގެން ފޯމްތަކުގައި ތައްގަނޑު ޖަހައިގެން އެ ހުރިހާ ކަމެއް ކުރެއްވި ކަމަށް ނާދިރާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޭރު ވެސް ބުނަމުން ދިޔައިން ތިކަން ތިގޮތަކަށް ނުކުރެވޭނޭ. އެހެން ނަމަވެސް ކުރަމުން ދިޔައީ. އެވާހަކަ ދައްކައިފިއްޔާ މި ވަނީ އެ ބޭފުޅުންނާއި އިދިކޮޅަށް ކަންތައް ކުރާ މީހަކަށް. އެމީހަކީ ދޭތެރެ ޖައްސަން އުޅޭ މީހެއް. ފާތުމަތު އިބްރާހިމް އިސްވެ ހުންނަވައިގެން ކުރެއްވި ކަންތައްތަކުގެ ވާހަކަ މި ދައްކަނީ. ޕާޓީގެ ގޮފިތައް އެ ފުށުން މި ފުށަށް ޖެއްސެވި. ހުރިހާ ގޮފިތަކެއް ރޫޅާލި. މި ހުރިހާ ކަމެއް އެ ކަމަނާ ކުރެއްވި. މުޅި ޕާޓީ ތެރެ ހަލާކު ކޮށްލެއްވި" ނާދިރާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ދެމަފިރިކަނބަލުންނަށް ޕީޕީއެމް ޕާޓީ ނުހިންގޭނެކަން ފާހަގަކުރައްވާ ނާދިރާ ވިދާޅުވީ ހުރިހާ ބާރެއް އޮވެމެ ޕާޓީގެ ކޮންގްރެސްވެސް ނުބޭއްވުނު ކަމަށެވެ.
ޕާޓީ މިއަދު މިހާލަތަށް ވެއްޓެން ޖެހުނީ ރައީސް ޔާމީންގެ އަމިއްލަ އެދުންފުޅުބޮޑުކަމުން ކަމަށް ނާދިރާ ތުހުމަތު ކުރެއްވިއެވެ.