އާރޓް ޗެލެންޖް 2018 ގެ އެއްބަސްވުމުގައި ރާއްޖެޓީވީން މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީ އާއެއްކޮށް އަންގާރަ ދުވަހު ސޮއި ކޮށްފިއެވެ.
ރާއްޖެޓީވީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ (ސީއޯއޯ) ހުސެއިން ފިޔާޒް މޫސާއެވެ. މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީ ފަރާތުން ސޮއިކުރެއްވީ އެ ކޮމިއުނިޓީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން އިހްފާލް އަހްމަދު (އިއްފަ) އެވެ.
އާރޓް ޗެލެންޖް 2018 ޕްރޮގްރާމަކީ ރާއްޖެޓީވީން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
އިއްފަ ވިދާޅުވީ ރާއްޖެޓީވީން އާރޓިސްޓުންނަށް އެމީހުންގެ ހުނަރަ ދައްކާލުމަށްޓަކައި ފުރުސަތު ހުޅުވާލުމުން އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރާއްޖެޓީވީގެ ރިޝެޕްޝަނުން ފޯމް ދޫކުރާނެ ކަމަށް ވެސް ރާއްޖެޓީވީން ވަނީ ބުނެފައެވެ.
ފިޔާޒް ވިދާޅުވީ މި ޕްރޮގްރާމަކީ ކުރެހުމަށް ލޯބިކުރާ ފަރާތްތަކަށް މުހިންމު ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 23 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަކަށެވެ.