ރިސޯޓްތަކަށް އެރި ފުލުހުންގެ ނަންތައް ވިލާއިން ހާމަކުރި މައްސަލަ ފުލުހުން ތަހްގީގުކުރަން ފަށައިފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިލާ ކުންފުނީގެ ގާނޫނީ ވަކީލުން ޖެނުއަރީ 23 ވަނަ ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި އެ ކުންފުނީގެ މުދާ ގާނޫނާ ހިލާފަށް ގެންދިއުމުގައި ފުލުހުން ބައިވެރިވި ކަމަށް ބުނެ އަދި އެ ކުންފުންޏާއި ދެކޮޅަށް ހިންގި ޖަރީމާއެއްގައި ފުލުހުން ބައިވެރިވި ކަމަށް ތުހުމަތުކޮށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެކަން ތަހްގީގުކުރުމަށް ބާރު އަޅައި ހިއްސާކޮށްފައިވާ ބަޔާނުގައި، ވަކިވަކި ފުލުހުންގެ ފަރުދީ މައުލޫމާތު އާންމުކޮށްފައިވާތީ އެ އަމަލު އެ މުއައްސަސާ އިން ކުށްވެރިކުރާ ކަމަށެވެ.
މި އަމަލަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފުން ގާނޫނު ތަންފީޒް ކުރުމަށް ކުރަމުން ގެންދާ ގާނޫނީ މަސައްކަތްތަކަށް ހުރަސް އެޅުމަށާއި ނުފޫޒު ފޯރުވުމަށާއި ބިރުދެއްކުމަށް ހިންގި އަމަލެއް ކަމުގައި އެ މުއައްސަސާ އިން ވަނީ ބަޔާނުގައި ބުނެފައެވެ. އެހެންވެ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާ އިން ވަނީ ބުނެފައެވެ.