ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ނެތުން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއަރމަން މުހައްމަދު އުމަރު މަނިކު ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މަނިކު ވިދާޅުވީ އާ އެއަރލައިންތަކާއެކު ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށާއި ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމުގައިވާ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއާއެކު ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ޓޫރިޒަމް މާކެޓްކުރުމުގެ މަސައްކަތް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން ކުރަންޖެހޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ފަތުރުވެރިކަން އިންތިހާއަށް މުޅި ދުނިޔޭގައި ކުރިއަރަމުންދާ އިރު ގައުމުތަކުގެ މެދުގައި ވާދަވެރިކަންވެސް އަންނަނީ އިތުރުވަމުން. މި ވާދަވެރިކަމާ ކުރިމަތިލާން ޖެހޭނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުން ރާއްޖޭގައި ހުރި އެންމެ ތަފާތުކަންކަން ޕްރޮމޯޓްކޮށްގެން. އެގޮތުން މިދާއިރާ ފުޅާ ކުރުމުގައި އާ ޓެކްނޮލޮޖީތައް ބޭނުން ކުރަންޖެހޭ." މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ފަތުރުވެރިކަން ކުރިއަރައި ދާއިރު މި ދާއިރާއަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ކުނި މެނޭޖްކުރުމަށް އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތުމަކީ ދިމާވެފައިވާ ބޮޑު މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު ހާއްސަކަމަކީ ރާއްޖޭގެ ތިމާވެށި ކަމަށްވާ އިރު ތިމާވެށީގެ މައްސަލަތައް އެންމެ އެކަށީގެންވާ މިންވަރެއްގައި ހައްލު ކުރަންޖެހޭ ކަމަށެވެ.
މަޓީ އުފައްދާފައިވަނީ 1982 ވަނަ އަހަރު އެވެ. މަޓީގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމެވެ.
މަޓީގެ އަހަރީ ޖަލްސާ މި ބާއްވާފައިވަނީ، ރާއްޖޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިންކަމުގައިވާ ވިލާ ގްރޫޕްގެ ރިސޯޓްތަކުގައި ގަވައިދާ ހިލާފަށް ބަނގުރާ ގެންގޮސްގެން ބޭނުން ކުރަމުންދާ ކަމަށް ބުނެ ކަސްޓަމްސް އިން މައްސަލައެއް ފެންމަތިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.