ވިލާ ކުންފުނީގެ ރިސޯޓުތަކަށް އަރައި ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލް އިދާރާ އިން ގޮވާލައިފިއެވެ.
އެ އިދާރާ އިން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ވިލާ ކުންފުނިން ހިންގަމުންދާ ފަސް ރިސޯޓަށް ފުލުހުންނާއި، ކަސްޓަމްސް އަދި މީރާގެ އޮފިޝަލުން އަރައި އެ ރިސޯޓުތަކުގައި ތިބި ފަތުރުވެރިންނަށްވެސް ބެލުމެއް ނެތި އެ ރިސޯޓުތަކުގައި ބިރުވެރިކަމާ ނާމާންކަން އުފެދިދާނެ ގޮތަށް އަމަލުކުރަމުން ގެންދިއުމަކީ، ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިދާނެ އެއްވެސް ގެއްލުމަށް ބެލުމެއް ނެތި ކުރި ކަމެއް ކަމަށެވެ. އެ ރިސޯޓުތަކުގައި ތިބި އެކި ގައުމުތަކުގެ ފަތުރުވެރިންނަށާއި ތަނުގައި ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންގެ ހިތްތަކަށް ބިރުވެރިކަމާއި ނާމާންކަން އުފެދޭނެ ގޮތަށް ކަންތައްތައް ކުރަމުން ގެންދިއުމަކީ މާމިގިލީގެ ރައްޔިތުންނަށާއި ކައުންސިލް އަށް ގަބޫލުކުރެވޭނެ އަދި ބަލައިގަނެވޭނެ ކަމެއްވެސް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ވިލާ ކުންފުނީގެ ފަސް ރިސޯޓުގެ ތެރެއިން ހާއްސަކޮށް ސަން އައިލޭންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓަކީ އދ އަތޮޅުގެ ގިނަ މީހުންނާއި މާމިގިލީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަޒީފާ އަދާކުރަމުންދާ ދެ ރިސޯޓަށް ވީހިނދު އެ ދެ ރިސޯޓު ހުއްޓުމަކަށް އައުމަކީ މާމިގިލީގެ އެތައް އާއިލާތަކަކަށް އޭގެ ސަބަބުން އަގު ނުކުރެވޭ ވަރުގެ ގެއްލުމާއި ހިތްދަތިކަމާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އެ ރިސޯޓުތަކުގައި ތިބި ފަތުރުވެރިންނަށް ހިދުމަތް ނުދެވޭ މިންވަރަށް މުއައްސަސާތަކުން އަމަލު ކުރުމަކީ އަނިޔާވެރިކަމާއި ގަދަބާރުން ކަންކުރުމުގެ ސަގާފަތުގެ ތެރެއިން ހިންގަމުންދާ ޖަރީމާއެއް ކަމަށްވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް ދައުލަތުން ދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ދިނުމުގެ ބަދަލުގައި އެފަދަ ވިޔަފާރިތައް ނެތިކޮށްލުމަށް ކުރެވޭ އަނިޔާވެރި އަމަލެއްގެ ދަށުން އަދި ސިޔާސީ ވަކި މަގްސަދެއް ހާސިލްކުރުމަށްޓަކައި ވިލާ ކުންފުނީގެ ރިސޯޓުތަކަށް ސީދާ އަމާޒުކޮށް ހިންގަމުންދާ ދަށު ދަރަޖައިގެ އަމަލުތައް ކައުންސިލުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިޔަފާރީ އަށް ލިބޭ ކޮންމެ ގެއްލުމަކީ މާމިގިލީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.