އީރާނުގައި މިހާރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއިއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ޖެހިލައިފިއެވެ.
މިއީ 2015 ވަނަ އަހަރުގެ ފަހުން ތެލުގެ އަގު މިހާތަނަށް އެންމެ މައްޗަށް ޖެހިލި ފަހަރެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައި އޮތުމަށްފަހު، އީރާނުގެ ހަމަނުޖެހުންތަކާއިއެކު މިހާރު ތެޔޮ ފީފާއެއްގެ އެވްރެޖް އަގު ހުރީ 67.84 ޑޮލަރުގައެވެ. މިއީ ދެ ޕަސެންޓްގެ އަގު އުފުލުމެކެވެ.
މުހައްލިލުން ބުނާ ގޮތުގައި އީރާނުގެ މުޒާހަރާތަކުގެ ސަބަބުން އެޤައުމުން ތެޔޮ އުފައްދާ މިންވަރަށް އަސަރެއް ނުކުރިނަމަވެސް، އެމުޒާހަރާތަކުގެ ސަބަބުން ތެލުގެ އަގުތަކަށް ވަނީ އަސަރުކޮށްފައެވެ. އީރާނަކީ ތެޔޮ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ޖަމްއިއްޔާ އޯޕެކްގެ ބާރުގަދަ ޤައުމެކެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުގެ ގޮތުގައި ބެލެވޭ ޤައުމުތަކުގެ އިޤްތިޞާދު އިތުރަށް ވަރުގަދަވުމަކީވެސް ތެލުގެ އަގު މައްޗަށް ދިޔުމުގެ އެއް ސަބަބެވެ. އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި ޖަރުމަންވިލާތުގައި ވަޒީފާ ނެތް މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާއިރު، ލަފާކުރެވުނު މިންވަރަށްވުރެ އެމެރިކާގެ އުފެއްދުންތެރިކަންވެސް ޑިސެމްބަރު މަހު ވަނީ އިތުރުވެފައެވެ.
ތެޔޮ އުފައްދާ ޤައުމުތަކުން ތެޔޮ ބޭރުކުރާ މިންވަރު ޑިމާންޑަށްވުރެ އިތުރުވުމަށްފަހު، ޑިމާންޑާއި އެއްވަރަށް ތެޔޮ އުފައްދަން އަނެއްކާވެސް ފެށުމުން، ފާއިތުވި 6 މަސްދުވަހު އަނެއްކާވެސް ތެލުގެ އަގު ވަނީ މައްޗަށް ޖެހިލަން ފަށާފައެވެ. ނިމިދިޔަ 2017ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ތެލުގެ އަގު ވެއްޓި، ފީފާއެއް 45 ޑޮލަރަށް ވެއްޓުނެވެ. އަދި އެއާއިއެކު ތެޔޮ އުފައްދާ ޤައުމުތަކުން ތެޔޮ ނަގާ މިންވަރު ކޮންޓްރޯލްކުރުމަށް އެއްބަސްވެފައިވާ މުއްދަތު އިތުރު ކުރުމަށް ނިންމިއެވެ.
ތެލުގެ އަގު ދަށްވެ، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުވުމުގެ ސަބަބުން އޯޕެކްގެ ޤައުމުތަކުން މިހާރު ދަނީ އެޤައުމުތަކުގެ އިޤްތިޞާދު ތެލަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ.