ސްކޫލްތަކުގެ ޗުއްޓީ އާއި އާ އަހަރުގެ ޗުއްޓީ ނިމުމާ ދިމާކޮށް ފަސިންޖަރުން އިތުރުވާ މިންވަރަށް ބަލައިގެން ފްލައިޓްތައް އިތުރުކުރަމުންދާނެ ކަމަށް އެ އަރލައިންތަކުން ބުނެފިއެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބުނީ އަބަދު ވެސް ޝެޑިއުލްކުރެވިފައިވާ ފްލައިޓްތައް ބާއްވަމުން އަންނަކ ކަމަށާއި، ޗާޓަރު ފްލައިޓްތަކަށް ރިކުއެސްޓް ލިބުމުން ޗާޓަރު ފްލައިޓްތައް ވެސް ބާއްވަމުން އަންނަ ކަމަށެވެ. މޯލްޑިވިއަން އިން ބުނީ ޗުއްޓީ ނިމޭ ދުވަސްވަރާ ދިމާކޮށް ފްލައިޓްތަކުގެ ބާރު ބޮޑުވެފައިވާ ކަމަށެވެ.
ރާއްޖޭގެ އަމިއްލަ އެއަރލައިނެއް ކަމަށްވާ ފްލައިމީ އިން ވެސް ބުނީ އެ އެއާލައިނުގެ ދެ މަންޒިލަށް އިތުރު ފްލައިޓްތައް ބާއްވަމުން އަންނަ ކަމަށެވެ. އެގޮތުން މާމިގިއްޔާއި ދަރަވަންދޫއަށް ޑިމާންޑާ އަޅާ ބަލާއިރު ފްލައިޓްތައް އިތުރުކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ރާއްޖޭގައި ކިޔަވައިދޭ އިންޑިއާ ޓީޗަރުން ކޮންމެ އަހަރަކު ވެސް ސްކޫލް ޗުއްޓީއާ ދިމާކޮށް ޗުއްޓީއަށް ގެންގޮސްދޭ އުޞޫލުން މިދިޔަ އަހަރު ވެސް އެމީހުން ގެންގޮސްފައިވާ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ. އަދި މީގެ އިތުރުން ޗުއްޓީ ނިމެންވާއިރަށް ޓީޗަރުން ގެނައުމަށް ޚާއްސަ ފްލައިޓްތައް ބާއްވާނެ ކަމަށް އެކުންފުނިން ބުންޏެވެ.