ކ. މާލެ
|
1 ޖެނުއަރީ 2018 | ހޯމަ 15:41
ޔޫއޭއީގެ ވިޔަފާރީގެ މަރުކަޒީ ރަށް ދުބާއީ
ޔޫއޭއީގެ ވިޔަފާރީގެ މަރުކަޒީ ރަށް ދުބާއީ
ގެޓީ އިމޭޖަސް
ގަލްފްގައި ޓެކްސް ނެގުން
ސަޢޫދީ އާއި ޔޫއޭއީ އިން ޓެކްސް ނަގަން ފަށައިފި
އެ ދެޤައުމުން ނަގަނީ ވެލިއު އެޑެޑް ޓެކްސްއެއް
ނަގަން ނިންމާފައިވަނީ 5 އިންސައްތައިގެ ޓެކްސްއެއް
އިންކަމް ޓެކްސް ނަގަން އަދިވެސް އެއްބަހެއް ނުވޭ

އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ބައެއް ބާވަތްތަކުގެ މުދަލާއި ޚިދުމަތުން ވެލިއު އެޑެޑް ޓެކްސްއެއް ނެގުމަށް ސަޢޫދީ ޢަރަބިއްޔާ އާއި ޔޫއޭއީ އިން ނިންމައިފިއެވެ.

ތެލާއި ގޭސް ވިއްކައިގެން ލިބޭ އާމްދަނީ ދަށްވަމުންދާ މިދަނޑިވަޅުގައި އިގްތިސާދު ރަނގަޅުކުރުމަށް އެޤައުމުތަކުން މިފިޔަވަޅު އަޅާފައި ވަނީ ސަރުކާރުގެ އާމްދަނީ އިތުރުކޮށް، ތެލާއި ގޭހުގެ އާމްދަނީއަށް ބަރޯސާވުން ކުޑަކުރުމަށެވެ.

އާއްމު ޚިދުމަތާއި މުދަލުގެ ބައެއް ބާވަތްތަކުން ވީއޭޓީ ނަގަން ފަށާފައި މިވަނީ 5 އިންސައްތައިގެ ރޭޓުންނެވެ. ޔޫއޭއީ އިން އަންދާޒާކުރާ ގޮތުގައި މިއަހަރުގެ ތެރޭގައި ވީއޭޓީގެ ގޮތުގައި 3.3 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ބެލެވެއެވެ.

ވެލިއު އެޑެޑް ޓެކްސް ނެގޭ ބާވަތްތަކުގެ ތެރޭގައި، ޕެޓްރޯލް، ޑީސަލް، ކާބޯތަކެތި، އަންނައުނު، ފެނާއި ކަރަންޓު ބިލް، އަދި ހޮޓެލް ރޫމްތައް ހިމެނެއެވެ. ޓެކްސް ނުނެގޭ ޚިދުމަތްތަކުގެ ތެރޭގައި މާލީ ޚިދުމަތްތަކާއި، ސިއްހީ ޚިދުމަތްތަކާއި، ޢާއްމު ދަތުރުފަތުރު ހިމެނެއެވެ.

ސަޢޫދީއަކީ އެޤައުމުގެ އާމްދަނީގެ 90 ޕަސެންޓް ތެލަށް ބަރޯސާވެފައިވާ ޤައުމެކެވެ. އަދި ޔޫއޭއީގެ އާމްދަނީގެ 80 އިންސައްތަ ތެލުގެ އާމްދަނީ އިން ލިބޭއިރު، ތެލުގެ އަގު ވެއްޓުމާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން މިދެޤައުމާއި، ގަލްފުގެ އެހެން ޤައުމުތަކުގެ ސަރުކާރުތަކުގެ އާމްދަނީ ވަނީ ދަށަށް ދާން ފަށާފައެވެ. އަދި ގަލްފްގެ ޤައުމުތަކަށް ޓެކްސްގެ ނިޒާމް ތަޢާރަފްކުރަން ބައިނަލްއަޤްވާމީ މާލީ އިދާރާ އައިއެމްއެފްއިން ގޮވާލަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފައެވެ.

ތެލުން ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން މީގެ ކުރިން ސަޢޫދީ އާއި ޔޫއޭއީ އިން ވެސް ފިޔަވަޅުތަކެއް އަޅާފައި ވެއެވެ. އެގޮތުން ސޮފްޓް ޑްރިންކްސް އާއި ދުންފަތުގެ ބާވަތްތަކުން ސަޢޫދީގައި މިހާރު ވެސް ޓެކްސްއެއް ނަގަމުންދާއިރު، އެޤައުމުގެ ރައްޔިތުންނަށް ދެމުން އައި ބައެއް ސަބްސިޑީތައް ވަނީ ކަނޑާލާފައެވެ. އަދި ޔޫއޭއީ އިން އެޤައުމުގެ ހައިވޭތަކުން ނަގާ ޓޮލް ފީ ބޮޑުކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްއެއް ވަނީ ތަޢާރަފްކޮށްފައެވެ.

ވެލިއު އެޑެޑް ޓެކްސްއެއް ނެގި ނަމަވެސް، އަދިވެސް އިންކަމް ޓެކްސްއެއް ނެގުމަށް ގަލްފްގެ ޤައުމުތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.  

- ކޮމެންޓް
1 ޖެނުއަރީ 2018 | ހޯމަ 18:57
ހުސްވީތަ
ތެޔޮ ކޮޅު ހުސްވީތަ؟