އައްޑޫ ސިޓީ ލިންކް ރޯޑުގައި ޑިސެމްބަރު 26 ވަނަ ދުވަހު ހިނގި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އާދިއްތަ ދުވަހުގެ ރޭ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑިންޓު ހިނގި ވަގުތުގައި ޕިކަޕް ދުއްވަން އިން އުމުރުން 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގަން ދިމާވީ ސައިކަލަކާއި ޕިކަޕެއް ޖެހިއެވެ. އަދި އެކްސިޑެންޓްގައި އަނިޔާ ލިބުނު 14 އަހަރުގެ ފިރިހެން ކުއްޖާ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. މަރުވެފައި ވަނީ ގދ. ވާދޫ ނެސްޓް، އަރުޝަމް އިބްރާހިމެވެ.
މީގެ އިތުރުން އެކްސިޑެންޓުގައި އަނިޔާ ލިބުނު އުމުރުން 21 އަހަރު ޒުވާނާ ވަނީ އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އިން އިތުރު ފަރުވާ އަށް އައިޖީއެމްއެޗަށް ފޮނުވާލާފައެވެ.
މި ޒުވާނާގެ ބޯ ފަޅައިގެން ގޮސްފައިވާ އިރު ދެ ފައި ބިންދައިގެން ވަނީ ގޮސްފައެވެ.
ފުލުހުން އިތުރަށް ދަނީ މި މައްސަލަ ތަހްގީގް ކުރަމުންނެވެ.