Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 07:29
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު
އިންތިގާލީ މަރުހަލާ
ސަރުކާރުގެ މަޝްރޫޢުތައް ނުހިންގުމަށާއި މުވައްޒަފުން ނުނެގުމަށް އިންތިޚާބީ ރައީސަކަށް ނޭދެވޭނެ، އެއީ ގާނޫނާއި ޚިލާފުކަމެއް: ސަމީރު
އިންތިޚާބީ ރައީސް އޮފީހުން ފޮނުވާފައިވާ ސިޓީފުޅުގައި ހުރީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާކަމަށާއި އެކަންކަން ނުކުރުމަށް ނޭންގޭނެކަމަށް ސަމީރު ވިދާޅުވި
ވެރިކަން ބަދަލުވާ މަރުހަލާގައި ކަންކަންކުރަންވާ ގޮތް ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވޭ
ގާނޫނުގައި އޮތީ ރަނގަޅު މައުލޫމާތު ލިބޭނެ ގޮތް ގާއިމުކުރުމާއި އެކަމާއި ބެހޭ އޮފީހެއް ގާއިމުކުރުމާއި އެއޮފީހުގެ ޚަރަދުތައް 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވެގެން ނުވާނެކަމަށް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރައްވާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ރަސްމީގޮތުން ހަވާލުވެވަޑައިގަތުމާ ހަމައަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރެއްވުން މަތީގައި ދެމިހުންނަވާނެކަމަށާއި އެޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެގޮތަށް އެއްވެސް އެންގުމެއް ނޭންގޭނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ ފަށައިގެން މިހާރު ކުރިއަށް ގެންދާއިރު، ސަރުކާރުން މި ވަގުތު 7 ކަމެއް މަޑުޖައްސާލުމަށް އެދި އިންތިޚާބީ ރައީސް އޮފީހުން ވަނީ ރައީސް އޮފީހަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުންވެސް ވަނީ ބައެއް ކަހަލަ ވަޒީފާތައް ފިޔަވައި ދެން ހުރި ވަޒީފާތަކަށް މީހުން ނެގުމުގައި ހުއްދައެއް ހޯދުމަށާއި އައު މަގާމުތައް އުފެއްދުމާއި، މަގާމުގެ ކުރިއެރުން ދިނުމާއި ހުސްވެެފައިވާ މަގާމުތަކަށް މީހުން ނެގުންވެސް މިދުވަސްވަރު މަޑުޖައްސާލުމަށް އަންގާފައެވެ.

Advertisement

މިކަންކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ އިންތިޚާބީ ރައީސް އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީފުޅަށް ބަލާއިރު އެކަންކަމަކީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާކަމަށާއި އެކަންކަން ނުކުރުމަށް އެގޮތަށް ނޭންގޭނެކަމަށެވެ.

ތަފްސީލަށް ދާއިރު މިއިން ކޮންމެ ކަމަކީވެސް ރައީސަކަށް ހުންނަ ބޭފުޅަކު މަސްއޫލިއްޔަތު އަދާކުރުމަށް އެމަނިކުފާފު ކުރަންޖެހޭ މަސައްކަތްތައް ނުކޮށް ހުންނާކަށް ޖާގައެއް ނޯވޭ. އެއާއެކުގައި އެއަށްވުރެ ހެއްވާ ކަމަކީ ސިވިލް ސަރވިސް ކޮމިޝަނުން އަނެއްކާ ސަރކިޔލަރ އެއް ނެރެފި. ޕްރޮމޯޝަން ނުދިނުމަށާއި މަގާމުތަކަށް މީހުން ނުނެގުމަށާއި ވަކި ޚާއްސަ ތަންތަނަށް މީހުން ނަގަންވާނީ އެބޭފުޅުން ކައިރީގައި ބުނެފައިކަމަށް. އަޅުގަނޑަށް ހީވަނީ ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކަށް ހުރަސް އަޅާ ބަޔަކަށް ސީއެސްސީވެސް އަދި އިންތިޚާބީ ރައީސްވެސް ވެގެންނުވާނެ. އެކަންކުރާނަމަ އެކުރެވެނީ ވަރަށް ދެރަ ކަމެއް. އެއީ މީހަކު އިންތިޚާބު ވުމަކުން އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ގަނޫނު އަސާސީން ހުވާކޮށްގެން ނުފަށާހާ ހިނދަކު އޭނައަކީ އިތުރަށް އެކަންކަމާ ބެހޭ ކަންކަން ހިނގާނެ މީހެއް ނޫން.
އަހުމަދު ސަމީރު / ރައީސް އޮފީހުގެ މިނިސްޓަރ

ސަމީރު ވިދާޅުވީ ވެރިކަން ބަދަލުވާ މަރުހަލާގައި ކަންކަންކުރަންވާ ގޮތްވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އެ ގާނޫނުގައި ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓާލާ އިތުރު ކަމެއް ނުފެށުމަށާއި މުވައްޒަފުން ނުނެގުމަށާއި ޕްރޮމޯޝަން ނުދެވޭނެ ވާހަކަ ބަޔާންކޮށްފައިނުވާކަމަށް ސަމީރު ވިދާޅުވިއެވެ.

އޭގައި އޮތީ އެކަންކަން ރަނގަޅަށް ކުރުމަށްޓަކައި ރަނގަޅު މައުލޫމާތު ލިބޭނެ ގޮތް ގާއުމުކުރުމާއި އެކަމާއި ބެހޭ އޮފީހެއް ގާއިމުކުރުމާއި އެއޮފީހުގެ ޚަރަދުތައް 1 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވެގެން ނުވާނެކަމަށް. މިދައްކަނީ 2 ސަފްހާ ގެ ގާނޫނެއްގެ ވާހަކަ. ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ގާނޫނާއި ވާއިދާ އެއްގޮތަށް ހުއްޓުމެއްނެތި ހިނގަންޖެހޭނެ. އެކަން ކުރަމުންގެންދާނެ
އަހުމަދު ސަމީރު / ރައީސް އޮފީހުގެ މިނިސްޓަރ

ސަމީރު ވިދާޅުވީ މިހާރު ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާ ގޮތުގެ ސަބަބުން ކޮންމެހެން މުވައްޒަފަކަށް ލިބެންޖެހޭ ޕްރޮމޯޝަނެއްވެސް ނުލިބި އައު ރައީސް ހުވާކުރައްވަންދެން އެކަން ލަސްވެގެންދަނީކަމަށެވެ. އަދި މަގާމަށް މީހަކު އިންޓަރވިއުކޮށްފައި އެމީހަކު އެމަގާމަށް ނުގެނެސް އައު ރައީސް ހުވާކުރައްވަންދެން މަޑުކުރަންޖެހެނީކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އިންތިޚާބީ އޮފީހުން އަމަލުކުރަން ޖެހޭނީ ޤާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތަށްކަމަށެވެ. ކަމެއް ގޯހުން ހިނގާނަމަ އެކަންކަން ބަލަން މުއައްސަސާތައް އޮންނައިރު މުޅި ދައުލަތް އެކީ ހުއްޓުމަކަށް އަންނަފަދަ އެންގުންތައް ކަމާބެހޭ މުއައްސަސާތަކުން އެންގުމަކީ އެކަމާމެދު އިތުރަށް ވިސްނާލަންޖެހޭކަމެއްކަމަށް ސަމީރު ވިދާޅުވިއެވެ.

މިހާރު ބައްލަވަން ޖެހޭ ކަންކަން ބައްލަވާ. ގާނޫނުގައި ނެތް ޕްރޮޖެކްޓްތައް ހުއްޓާލަން. އެއަކު ނެތް ވަޒީފާއަށް ނުނަގާ ވާހަކައެއް. ޕްރޮމޯޝަން ނުދޭނެ ވާހަކައެއް. އެފަދަ އެންގުންތައް ސީއެސްއީން އެންގުން އެއީ ގާނޫނާއި ޚިލާފުކަމެއް.
އަހުމަދު ސަމީރު / ރައީސް އޮފީހުގެ މިނިސްޓަރ

ސަމީރު ވިދާޅުވީ އިންތިގާލީ މަރުހަލާގައި ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ދެމުންދާނެކަމަށެވެ. އައު ސަރުކާރު ކަންކަމާއި ހަވާލުވާއިރު ބަލަންޖެހޭ ކަންކަން ބެލުމަށް އެމައުލޫމާތުތައް ހިއްސާކުރާނެކަމަށް ސަމީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް